Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ވަކި ބަޔަކު ގެނައުމުގެ އުސޫލެއް މޯލްޑިވިއަން އިން ނުގެންގުޅޭނެ

މޫސާ ވަސީމް - ފޮޓޯ: އަވަސް

ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ގެނައުމުގައި މޯލްޑިވިއަން އިން ވަކި އުސޫލެއް ނުގެންގުޅޭ ކަމަށް އެ އެއާލައިނުން ބުނެފިއެވެ.

މޯލްޑިވިއަން އިން މިހެން ބުނެފައިމިވަނީ ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ތިބި ދިވެހިން ގެނައުމަށް މޯލްޑިވިއަން އިން ކުރި ދަތުރުގައި ވަކި ބަޔަކު ގެނައުމަށް އިސްކަން ދީފައިވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ނުރުހުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޯލްޑިވިއަންގެ މެނޭޖަރ ޕީއާރް އެންޑް ކޮމިއުނިކޭޝަންސް މޫސާ ވަސީމް ވިދާޅުވީ މޯލްޑިވިއަން އިން މިހާރު ރާއްޖެ އިން ބޭރަށް ކުރާ ދަތުރުތަކަކީ ގައުމުން ބޭރުގައި ތިބި ދިވެހިން ގެނެސްދިނުމަށް ސަރުކާރުން އެދުމުން ކުރާ ދަތުރުތަކެއް ކަމަށެވެ.

އަދި މި ދަތުރުތަކުގައި ރާއްޖެ އަށް މީހުން ގެނައުމުގައި ބަލާނީ ބޭސްފަރުވާ ފަދަ ކަންކަމަށް އެގައުމުތަކަށް ގޮސްފައި ތިބި މީހުންގެ ތެރެއިން އެގައުމުތަކުގައި ތާށިވެފައި ތިބި މީހުންނަށް ކަމަށް ސަރުކާރުން މީގެކުރިން ބުނެފައިވާ ކަމަށާއި މީހުން ގެނައުމުގައި އޮތީ އެ އުސޫލު ކަމަށް ގަބޫލުކުރެވޭ ކަމަށް މޫސަ ވިދާޅުވިއެވެ.

"ވަކި މީހަކު ގެންނާކަށް، ވަކި ބަޔަކު ގެންނާކަށް މޯލްޑިވިއަންގެ ފަރާތުން އެއްވެސް އުސޫލެއް ނުގެންގުޅޭ" މޫސަ ވިދާޅުވިއެވެ.

މޯލްޑިވިއަން އިން އިއްޔެ ވަނީ ލަންކާ އިން 100 ދިވެއްސަކު ރާއްޖެ އަނބުރާ ގެނެސްފައެވެ. އަދި މިއަދު އިންޑިއާގެ ކޮޗިން އިން ވެސް ދިވެހިންތަކެއް ރާއްޖެ ގެނައުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން މި މަހުގެ އަށްވަނަ ދުވަހު މެލޭޝިއާ އިން ވެސް ދިވެހިންތަކެއް މޯލްޑިވިއަން އިން އަނބުރާ ގެނެސްދިނުމަށް ވަނީ ނިންމާފައެވެ.

ރާއްޖެ އަންނަ ހުރިހާ ދިވެހިން ވެސް 14 ދުވަހުގެ މުއްދަތަށް ކަރަންޓީނު ފެސިލިޓީގައި ތިބެން ޖެހޭނެއެވެ. އަދި ކަރަންޓީނުގެ މުއްދަތު ނިމުމުން ދޫކޮށްލުމުގެ ކުރިން ކޮވިޑަށް ޓެސްޓު ކުރުމަށް ވެސް ވަނީ ނިންމާފައެވެ.