Last Updated: April 20, 07:18
Saturday, April 20, 2024
ޚަބަރު

މެލޭޝިއާ އިން ގެންނާނީ 200 ދިވެހިން، ޓިކެޓު ވިއްކަން މިރޭ ފަށަނީ

މޯލްޑިވިއަންގެ ފްލައިޓެއް - ފޮޓޯ: ކޯޕޮރޭޓް މޯލްޑިވްސް

މެލޭޝިއާގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ ނާދެވިފައި ތިބި ދިވެހިން ގެނައުމަށް ކުރާ ދަތުރުގައި ގެނައުމަށް ހަމަޖެހިފައިވަނީ 200 މީހުން ކަމަށް މޯލްޑިވިއަން އިން ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޯލްޑިވިއަންގެ މެނޭޖަރ ޕީއާރް އެންޑް ކޮމިއުނިކޭޝަންސް މޫސާ ވަސީމް ވިދާޅުވީ މެލޭޝިއާ އިން ފްލައިޓު ފުރަން ހަމަޖެހިފައި އޮތް ގަޑި މިހާރު އަވަސްވުމާ ގުޅިގެން އެ ބަދަލުތައް މޯލްޑިވިއަންގެ ވެބްސައިޓަށް ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

އަދި ކުރިއަށް އޮތް ގަޑިއެއް ނުވަތަ ދެގަޑިއެއްހާ އިރުތެރޭ ޓިކެޓު ގަނެވޭނެ ގޮތް އޮންލައިންކޮށް ފެންނާނެ ކަމަށާއި މި ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ އަށްވަނަ ދުވަހު ކަމަށްވެސް މޫސަ ވިދާޅުވިއެވެ.

މި ދަތުރުގައި މެލޭޝިއާ އިން 200 މީހުން އަނބުރާ ރާއްޖެ ގެންނާނެ ކަމަށާއި، މި ދަތުރުގެ ޓިކެޓުގެ އަގަކީ 330 ޑޮލަރު ކަމަށް މޫސަ ވިދާޅުވިއެވެ. އަދި މިއީ މެލޭޝިއާގައި ތިބި ދިވެހިން އަނބުރާ ގެންނަން ކުރާ ދަތުރަކަށް ވާތީ، މެލޭޝިއާ އަށް ފްލައިޓު ދާއިރު އެކޮޅުގައި ތިބި މީހުންނަށް އެއްވެސް ގެންދިޔުމުގެ އިންތިޒާމު ހަމަޖެހިފައިނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން މޫސަ ވަނީ މޯލްޑިވިއަން އިން އެއްވެސް މީހަކަށް ޓިކެޓް ވިއްކަން ނުގުޅާނެ ކަމަށާއި މިވަގުތު ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ގެނައުމަށްޓަކައި ކުރާ މަސަައްކަތުގައި ޓިކެޓް ނެގޭނެ ހަމައެކަނި ގޮތަނީ އޮންލައިންކޮށް ކަމަށްވެސް ވިދާޅުވެފައެވެ.

މޯލްޑިވިއަން އިން އިއްޔެ ވަނީ ލަންކާ އިން 100 ދިވެއްސަކު ރާއްޖެ އަނބުރާ ގެނެސްފައެވެ. އަދި މިއަދު އިންޑިއާގެ ކޮޗިން އިން ވެސް ދިވެހިންތަކެއް ރާއްޖެ ގެނައުމަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖެ އަންނަ ހުރިހާ ދިވެހިން ވެސް 14 ދުވަހުގެ މުއްދަތަށް ކަރަންޓީނު ފެސިލިޓީގައި ތިބެން ޖެހޭނެއެވެ. އަދި ކަރަންޓީނުގެ މުއްދަތު ނިމުމުން ދޫކޮށްލުމުގެ ކުރިން ކޮވިޑަށް ޓެސްޓު ކުރުމަށް ވެސް ވަނީ ނިންމާފައެވެ.