Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ފެލައިނީއާ ކޮންޓެކްޓުވި ތިން މީހުން ނެގެޓިވް ވުމުން ދޫކޮށްލައިފި

މަބްރޫކް އަބްދުލްއަޒީޒް - ފޮޓޯ: މިހާރު

ޗުއްޓީއަށްފަހު ރާއްޖެ އިން ދިޔަފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ބެލްޖިއަމްގެ ފުޓްބޯޅަ ކުޅުންތެރިއާ މަރުއަން ފެލައިނީއާ ކޮންޓެކްޓުވި ތިން މީހުން ބައްޔަށް ނެގެޓިވްވުމުން މިރޭ ދޫކޮށްލައިފިއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮވިޑް-19 ގެ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ފެލައިނީއާ ކޮންޓެެކްޓުވި ކަމަށް ފާހަގަކުރެވިގެން ވެލިދޫ އައިސޮލޭޝަން ފެސިލިޓީގައި ތިބި ތިން މީހަކު މިއަދު ދޫކޮށްލާފައިވާ ކަމަށާއި އެމީހުން ދޫކޮށްލާފައިވަނީ ބައްޔަށް ޑަބަލް ނެގެޓިވް ވުމުން ކަމަށެވެ.

އަދި ބަނޑޮސް ކަރަންޓީނު ފެސިލިޓީ އާއި މަޑިވަރު ކަރަންޓީނު ފެސިލިޓީގައި ތިބި ޖުމްލަ 60 މީހަކު ވެސް މިއަދު ދޫކޮށްލާފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

އަދި މާދަމާ ވެސް 41 މީހެއްގެ ސާމްޕަލް ނެގުމަށް ހަމަޖެހިފައިވާ ކަމަށާއި، އޭގެ ތެރެއިން ނަތީޖާ ނެގެޓިވްވާ މީހުން ދޫކޮށްލާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ދޫކޮށްލި މީހުންގެ އިތުރުން މޮނީޓަރިންގެ ޙާލަތުގައި އޮތް 4 ރިސޯޓަކާއި 19 ސަފާރީއެއްވެސް އެ ހާލަތުން ދޫކޮށްލާފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ.