Last Updated: April 20, 11:49
Saturday, April 20, 2024
ވިޔަފާރި

ބޭންކުތަކުގެ ހިދުމަތް އަންނަ ހަފްތާގައި ލިބޭނީ ހޯމަ އަދި ބުދަ ދުވަހު

އެމްއެމްއޭ ހެޑް އޮފީސް - ފޮޓޯ: މުހައްމަދު ޝަރުހާން (މިހާރު)

ކޮވިޑް-19 އާއި ގުޅިގެން ސަރުކާރު އިތުރު ހަފްތާއަކަށް ބަންދުކުރުމާ ގުޅިގެން ބޭންކުތަކުގެ ހިދުމަތް އަންނަ ހަފްތާގައި ވެސް ލިބޭނީ ހޯމަ އަދި ބުދަ ދުވަހު ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފި އެވެ.

އަންނަ ހަފްތާގައި ބޭންކުތައް ހުޅުވާނީ ހޯމަ އަދި ބުދަ ދުވަހުގެ ހެނދުނު 9:30 އިން 12:30 އަށް ކަމަށް އެމްއެމްއޭ އިން ބުންޏެވެ. ބޭންކްތައް ހުޅުވި ނަމަވެސް އާންމު ހިދުމަތްތައް ނުލިބޭނެއެވެ.

ބޭންކުން ދިނުމަށް ހަމަޖެހިފައިވާ ހިދުމަތްތަކުގެ ތެރޭގައި ހިމެނެނީ ރާއްޖޭން ބޭރަށް ފައިސާ ޓްރާންސްފަރ ކުރުމާއި، ޕޭ ރޯލް (މުވައްޒަފުންގެ މުސާރަޖަމާކޮށްދިނުން) ޚިދުމަތާއި، އޭޓީއެމް މެދުވެރިކޮށް ޖަމާކުރާ ޗެކް ޕްރޮސެސް ކުރުމުގެ އިތުރުން ލޯކަލް ބޭންކް ޓްރާންސްފަރގެ ހިދުމަތެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނީ މި ދެ ދުވަހު ހުއްދަ ލިބިފައިވާ ފަރާތްތަކަށް ނަގުދު ފައިސާ ނެގުމާއި ޖަމާކުރުމަށް އޭޓީއެމްގެ ޚިދުމަތް ލިބޭނެކަމަށެވެ. އަދި ވިޔަފާރި އެކައުންޓަކަށް ދުވާލަކު 500،000 ރުފިޔާ ޖަމާކުރެވޭނެކަމަށާއި އާންމު ފަރުދުންގެ އެކައުންޓަކަށް ދުވާލަކު 100،000 ރުފިޔާ ޖަމާކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށްވެސް ބީއެމްއެލް އިން ބުނެއެވެ.

މާލެ ސަރަހައްދުގެ ލޮކްޑައުންގެ މުއްދަތު އިތުރު 14 ދުވަހަށް ދިގު ދަންމާލާފައިވާއިރު، އަންނަ މަހުގެ 14 ގެ ނިޔަލަށް ސަރުކާރުގެ އޮފީސްތައް ބަންދުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ ނިންމަވާފައެވެ.