Last Updated: April 24, 23:11
Thursday, April 25, 2024
ދުނިޔެ

ވެކްސިނެއް އުފެއްދިއްޖެނަމަ ހުރިހާ ގައުމަކާއި ހިއްސާކުރާނަން: ޗައިނާ

ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދިއްޖެނަމަ ހުރިހާ ގައުމަކާއި ވެސް ހިއްސާކުރާނެ ކަމަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގ ވިދާޅުވެއްޖެއެވެ.

މިއަދު ފެށި 73 ވަނަ ވޯލްޑް ހެލްތް އެސެމްބްލީގައި ވާހަކަދައްކަވަމުން ޗައިނާގެ ރައީސް ވިދާޅުވީ އެގައުމުން ވެކްސިނެއް އުފައްދުމަށް ކުރަމުންދާ މަސައްކަތް ކާމިޔާބުވެ ބޭނުން ކުރަން ފެށިއްޖެނަމަ ހުރިހާ ގައުމަކާއި ވެކްސިން ހިއްސާކުރާނެ ކަމަށެވެ.

މިއީ އެންމެންގެ ފައިދާ އަށް ޗައިނާ ކުރަން ނިންމާފައިވާ ކަމެއް ކަމަށާއި އަދި މިއީ ކުރިއަރަމުން އަންނަ ގައުމުތަކުން ވެކްސިނެއް ހޯދުމަށް ކުރަންޖެހޭ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ކުރާ ކަމެއް ކަމަށްވެސް ޝީ ވިދާޅުވިއެވެ.

ޗައިނާ އިން މިހާތަނަށް ފަސް ވެކްސިނެއް އުފައްދާފައިވާއިރު، އެ ވެކްސިންތައް އިންސާނުންގެ ހަށިގަނޑަށް ޖަހައިގެން ޓެސްޓް ކުރުމުގެ މަރުހަލާ މިހާރު ވަނީ ފަށާފައެވެ. މި ވެކްސިންތަކުގެ ނަތީޖާ ލިބޭވަރު ވާނީ އަންނަ ޖުލައި މަހު ކަމަށް ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

ސިއްހީ ތަޖުރިބާކާރުން ބުނާގޮތުގައި މި ބައްޔަށް ވެކްސިނެއް ލިބެން ގާތްގަނޑަކަށް 12 ނުވަތަ 18 މަސް ދުވަހުގެ މުއްދަތެއް ނެގުމަކީ އެކަށީގެންވާ ކަމެކެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާ އިން ފެނުނު މި ބަލި މިހާރު ވަނީ ދުނިޔޭގެ ގިނަ ގައުމުތަކަށް ފެތުރިފައެވެ. މި ބަލީގައި މިހާތަނަށް ދުނިޔެއިން ތިން ލައްކަ އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި ހަތަރު މިލިއަނަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހިފައިވާއިރު އެއް މިލިއަން މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.