Last Updated: March 29, 17:30
Friday, March 29, 2024
ޚަބަރު

ޔާމީންގެ ހާލުކޮޅު ވަރަށް ރަނގަޅު، ޝަކުވާއެއް ނެތް

ޕީޕީއެމްގެ ބައްދަލުވުމެއްގައި ރައީސް ޔާމީން -- ފޮޓޯ / ސަން

ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ހާލުކޮޅު ވަރަށް ރަނގަޅު ކަމަށާއި، މިހާރުގެ ހާލަތާއި ގުޅިގެން ޝަކުވާއެއް ވެސް އެމަނިކުފާނުގެ ނެތް ކަމަށް ކޮމިޝަނަރު އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވެއްޖެ އެވެ.

މިރޭ ރާއްޖެޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި އަހުމަދު ވިދާޅުވީ ދައުލަތުގެ އިސް މަގާމުތައް ނުވަތަ ރައީސްކަން ކުރައްވާފައި ތިއްބެވި ބޭފުޅުންނަށް ހާއްސަ އުސޫލަކުން އަމަލުކުރަންޖެހޭ އުސޫލެއް އޮންނަ ކަމަށާއި އެ އުސޫލާއި އެއްގޮތަށް ކަށަވަރުކުރަންޖެހޭ ކަންކަން ކަށަވަރުކުރަމުންދާ ކަމަށެވެ.

އެގޮތުން ޔާމީންގެ ހާލުކޮޅު މިވަގުތު ވަރަށް ރަނގަޅު ކަމަށާއި، ގަވާއިދުން ޗެކް ކުރުމާއި އާންމު އުސޫލުގެ ތެރެއިން ޖަލުތެރޭގައި ކުރާ ހުރިހާ ކަމެއް ވެސް ފުރިހަމަ ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މިވަގުތާ ހަމައަށް ބައްޔާ ގުޅުވައި، ހާއްސަކޮށް މިހާލަތާ ގުޅުވައި އަނެއްހެން ޝަކުވާއެއް ލިބިފައެއް ނެތް. އެކަން އަޅުގަނޑުމެން ކަށަވަރު ވެސް އެބަ ކުރަން" އަހުމަދު ވިދާޅުވިއެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް މިހެން ވިދާޅުވިއިރު އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން އަންނަނީ ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް ސަރުކާރަށް ގޮވާލަމުންނެވެ. އެގޮތުން އެ ކޯލިޝަނުން ވަނީ ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީފުޅެއް ވެސް ފޮނުއްވާފައެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް، ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް އެ ފައިސާ ލޯންޑާ ކުރި ކަމުގެ ދައުވާގެ ކުށް ސާބިތުވެ ޔާމީނަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ މިދިޔަ އަހަރުގެ ފަހުކޮޅުއެވެ.

ފަސް އަހަރަށް ޖަލަށްލުމުގެ އިތުރުން ފަސް މިލިއަން ޑޮލަރުން ޔާމީން ޖޫރިމަނާ ކުރަން ވެސް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އަދި އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ވަނީ އަންގާފައެވެ.