Last Updated: April 18, 22:36
Thursday, April 18, 2024
ޚަބަރު

ވަޒީފާ ހިމާޔަތްކުރަން ބައެއް ވަޒީރުން ސިޔާސީ ކާޑު އެބަކުޅޭ: ސައީދު

މުހައްމަދު ސައީދު - ފޮޓޯ: މަޖިލިސް

ވަޒީފާ ހިމާޔަތް ކުރުމުގެ ބޭނުމުގައި ބައެއް ވަޒީރުން ސިޔާސީ ކާޑު ކުޅެމުންދާ ކަމަށް، މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީން އެކުލަވާލި "މޯލްޑިވްސް ސޭފް ޓޫރިޒަމް ގައިޑްލައިން"ގެ ފުރަތަމަ ދެލިކޮޕީއާ މެދު މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީން މަޝްވަރާ ކުރުމަށް މިއަދު ބޭއްވި ބައްދަލުވުމުގައެވެ.

އެގޮތުން ސައީދު ވިދާޅުވީ ރާއްޖެ އަށް އަދި ދުނިޔެ އަށްވެސް ދިމާވެގެން އުޅޭނީ އިގްތިސާދީ ކާރިސާއެއް ކަމަށް ގަބޫލުނުކުރައްވާ ކަމާއި އަދި އަހަރުގެ ފަހުކޮޅު ފަތުރުވެރިކަމުގެ "ބޫމް" އެއް އަންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ މި ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރާއި، އިކޮނޮމިކް މިނިސްޓަރުގެ އިތުރުން ފިނޭންސް މިނިސްޓަރު ދެއްވި މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ.

"މީގެއިން ކޮން ވާހަކައެއްތޯ މި ދޭހަވަނީ. މި ދޭހަވާ އެއްޗަކީ ބައެއް ވަޒީރުން އެ ބޭފުޅުންގެ ވަޒީފާ ހިޔާމަތް ކުރުމުގެ ނަމުގައި ސިޔާސީ ކާޑެއް ކުޅެނީ ރައީސްގެ މޭޒުކޮޅަށް. މިއީކީ މިކަން ކޮށްގެން ވާނެ ގޮތެއް ނޫން. ދެން މި ވާހަކަ ދެއްކީމަ ކުރީ ސަރުކާރޭ އަނެއް ސަރުކާރޭ، އެ ވާހަކައެއް ނުދެއްކޭނެ. އެއްވެސް ސަރުކާރެއްގައި ކޮށްގެން ވާނެ ކަންކަމެއް ނޫން މި ކަހަލަ ކަންތައްތަކަކީ" ސައީދު ވިދާޅުވިއެވެ.

މީގެއިތުރުން ސައީދު ވަނީ ޓޫރިޒަމް މިނިސްޓްރީން އެކުލަވާލީ ޑްރާފްޓަކަށް މަޖިލީހުން މަޝްވަރާ ކުރަން ނުޖެހޭ ކަމަށާއި މަޖިލީހުން މަޝްވަރާ ކުރަން ޖެހޭނީ މިކަމާ ގުޅޭގޮތުން މިނިސްޓްރީން އެކުލަވާލާ އެންމެފަހު ރިޕޯޓަށް ކަމަށްވެސް ވިދާޅުވެފައެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުން ނިންމާލާފައިވަނީ މި ޑްރާފްޓާއި ގުޅިގެން ކޮމިޓީ އަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހާޒިރުކުރުމަށް ފާސްކުރުމަށްފަހުއެވެ.