Last Updated: April 20, 11:14
Saturday, April 20, 2024
ޚަބަރު

ބަލިން ރަނގަޅުވަމުން އަންނަ މީހުންގެ ތެރޭގައި ގިނައީ ދިވެހިން

ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ ތެރެއިން މިފަހަކަށް އައިސް ބަލިން ރަނގަޅުވަމުން އަންނަ މީހުންގެ ތެރޭގައި ގިނައީ ދިވެހިން ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ އެޕިޑެމިލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މިހާތަނަށް 109 މީހަކު ރާއްޖެއިން ރަނގަޅުވެފައިވާ ކަމަށާއި މީގެތެރެއިން 62 މީހުންނަކީ ދިވެހިން ކަމަށެވެ. އަދި ބަންގްލަދޭޝް އަށް ނިސްބަތްވާ 23 މީހަކު ވެސް ހިމެނޭ ކަމަށް އަފްޒަލް ވިދާޅުވިއެވެ.

އަދި މި ބައްޔަށް ޕޮޒިޓިވް ވެފައިވަނީ ވެސް ގިނައިން ފިރިހެނުން ކަމަށްވާއިރު، ބަލިން ރަނގަޅުވެފައިވާ ގިނަ މީހުންނަކީ ވެސް ފިރިހެނުން ކަމަށް އަފްޒަލް ވިދާޅުވިއެވެ.

"ދިވެހިން އިނގޭތޯ މިފަހަކަށް އައިސް ރަނގަޅުވެފައިވާ މީހުންގެ ތެރޭގައި ގިނައީ" އަފްޒަލް ވިދާޅުވިއެވެ.

ބަލިން ރަނގަޅުވީ ކަމަށް ޑޮކްޓަރުން ނިންމަނީ ބަލި ޖެހިފައިވާ މީހާގެ ދެ ޓެސްޓު ވެސް ބައްޔަށް ނެގެޓިވް ކަމަށް ދެއްކުމުންނެވެ.

ރާއްޖެއިން މިހާތަނަށް 1274 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، 109 މީހަކު ބަލިން ރަނގަޅުވެ، ހަތަރު މީހަކު ވަނީ މަރުވެފައެވެ.