Last Updated: April 25, 22:42
Thursday, April 25, 2024
ވިޔަފާރި

އެއް މަސް ތެރޭ 70،000 ބަސްތާ ކާޑު އަތޮޅުތަކަށް ފޮނުވައިފި

ފާއިތުވި އެއް މަސް ދުވަހުގެ ތެރޭ 70،000 ބަސްތާ ކާޑު އަތޮޅުތަކަށް ފޮނުވާފައިވާ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.

އެގޮތުން އަމްރު ވިދާޅުވީ އާންމުކޮށް ރޯދަމަހު ރަށްރަށަށް ކާޑު ގެންދާ މިންވަރު އެނޫން މަސްތަކާ އަޅާބަލާއިރު އިތުރު ކަމަށާއި ނަމަވެސް މި އަހަރުގެ ރޯދަމަހު ރަށްރަށަށް ކާޑު ގެންދިޔަ މިންވަރު އެއަށްވުރެވެސް އިތުރުވެފައިވާ ކަމަށެވެ.

އެގޮތުން ފާއިތުވި މަހެއްހާ ދުވަސްތެރޭގައި 70،000 ބަސްތާ ކާޑު އަތޮޅުތަކަށް ފޯރުކޮށްދެވިފައިވާނެ ކަމަށް އަމްރު ވިދާޅުވިއެވެ.

"ދުރާލާ ވިސްނައިގެން، އިތުރު ގުދަންތައް ހަދާ، ވަރަށް ބޮޑުތަން އިތުރަށް ކާޑު ގެނެސްފައިވާތީ ދަތިކަމެއް ނެތި ކާޑު ހުސްނުވެ ފޯރުކޮށްދެމުންދަނީ" އަމްރު ވިދާޅުވިއެވެ.

އަދި ރަށްރަށަށް ކާޑު ގެންދާ މިންވަރު އެސްޓީއޯގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށާއި، އެއްވެސް ރަށެއްގައި ކާޑު މަދުވާކަމުގެ މައުލޫމާތު ލިބިއްޖެނަމަ، އެރަށެއްގެ ކައުންސިލާ ގުޅައިގެން އެ މައުލޫމާތު ސާފުކޮށް ހަދާ ކަމަށްވެސް އަމްރު ވިދާޅުވިއެވެ.

މީގެއިތުރުން އަމްރު ވިދާޅުވި ގޮތުގައި ކާޑާއި އެހެނިހެން ތަކެތި ޑެލިވަރީ ކުރުމަށް އައި އެންމެ ބޮޑު ގޮންޖެހުމަކީ އަޅުގަނޑުމެންގެ 200 އަށް ވުރެ ގިނަ މުވައްޒަފުން ކަރަންޓީނު ކުރަން ޖެހުން ކަމަށެވެ. އެގޮތުން މިކަމުގެ ސަބަބުން ޑެލިވަރީ އަށް ހުއްޓުމެއް އައި ނަމަވެސް އެއް ދުވަސް ތެރޭ އަލުން މަސައްކަތް އަލުން ފެށުނު ކަމަށާއި ޑެލިވަރީ ހިދުމަތް ދިނުމަށް މާލޭ ސިޓީ ކައުންސިލާއި ރޯޑް ކޯޕަރޭޝަނުގެ ސްޓާފުންގެ ފަރާތުން ލިބުނު އެހީ އަމްރު ފާހަގަކުރެއްވިއެވެ.

އަދި މިހާރުސް އެސްޓީއޯގެ 980 މުވައްޒަފުން ފްރަންޓުލައިންގައި މަސައްކަތް ކުރަމުންދާ ކަމަށާއި ރައްޔިތުންނަށް ބޭނުންވާ އަސާސީ ގިނަ ހިދުމަތްތަކެއް އެސްޓީއޯއާ ގުޅިފައިވާތީ ރައްޔިތުންނަށް ދަތިނުވެ، އެ ހިދުމަތްތައް ފޯރުކޮށްދިނުމަށް އެ ސްޓާފުން ބުރަކޮށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އަމްރު ވިދާޅުވިއެވެ.