Last Updated: April 25, 16:55
Thursday, April 25, 2024
ވިޔަފާރި

ކޮވިޑުގެ ނުރައްކާ ބޮޑު މީހުންގެ ކާޑު ބީއެމްއެލްއިން ގެއަށް ގެންގޮސްދެނީ

އުމުރުން ދުވަސްވީ މީހުންނާއި، ކޮވިޑް-19ގެ ނުރައްކާ ބޮޑު މީހުންގެ ކާޑު އެމީހުން ދިރިއުޅޭ ގެއަށް ފޮނުވައިދޭން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފިއެވެ.

ބީއެމްއެލް އިން ބުނީ ކޮވިޑް-19 ގެ ބަލީގެ ނުރައްކާތެރިކަމަށް ހުށަހެޅޭ މިންވަރު ކުޑަކުރުމުގެ ގޮތުން އުމުރުން ދުވަސްވީ ބޭފުޅުންނަށާއި ކޯވިޑް-19 ގެ ނުރައްކާ ބޮޑު ކަސްޓަމަރުން ބޭންކަށް ވަޑައިގަންނަވަން ނުޖެހޭ ގޮތަށް، ބޭންކުން ކާޑު ހަވާލުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން ކާޑު ގެއަށް ފޮނުވަން ބޭނުންވާ ފަރާތްތަކުން ޖެހެނީ އެސްއެމްއެސް ކުރާށެވެ. އެސްއެމްއެސް ކުރާނީ އައިޑީކާޑު ނަންބަރު ޖެހުމަށްފަހު ހުސްތަންކޮޅެއް ދޫކުރައްވާ “Card Delivery” ޖެއްސެވުމަށްފަހު 7990200 ނުވަތަ 9990200 ނަންބަރަށެވެ.

މި ގޮތަށް ކާޑު ހަވާލުކުރުމަށް ބޭންކުގެ މުވައްޒަފުން ޒިޔާރަތްކުރާއިރު ކާޑު ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ގޭގެ ނުވަތަ އިމާރާތުގެ ތިރީ ބައިން ކަމަށް ބީއެމްއެލް އިން ބުނެއެވެ.

މާލޭ ސިޓީގެ ފުރަބަންދަށް ލުއިތަކެއްލިބުމާއެކު އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ބީއެމްއެލް ކަސްޓަމަރ ސަރވިސް ސެންޓަރ އިން ކާޑު ދޫކުރަން ވަނީ ނިންމާފައެވެ. މި ގޮތުން ކަސްޓަމަރ ސަރވިސް ސެންޓަރުން މި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމަންޓް ހައްދައިގެން އަދި ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ކަނޑައަޅުއްވާފައިވާ ގައިދުރުކަން ބެހެއްޓުމުގެ އުސޫލޫތަކާ އެއްގޮތްވާ ގޮތުގެ މަތީންކަމަށްވާތީވެ، ދުވާލަކަށް ހިދުމަތްދިނުމަށް ހަމަޖެހިފައިވަނީ 300 ކަސްޓަމަރުންނަށް ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ޖޫން މަހުގެ ފުރަތަމަ ދެހަފްތާގައި ކާޑު ދޫކުރުމަށް ކަސްޓަމަރ ސަރވިސް ސެންޓަރ ހުޅުވުމަށް ހަމަޖެހިފައިވަނީ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހުގެ ހެނދުނު 9:30 އިން ފެށިގެން މެންދުރުފަހު 2:00 އަށެވެ. ކޮންމެ ދުވަހަކަށްވެސް އެޕޮއިންޓްމަންޓް އޭގެ ކުރީ ދުވަހު ހަމަޖެއްސުމުގެ ފުރުސަތު ލިބޭނެއެވެ.