Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ކެންސަރު ބަލީގެ މީހަކު ފަރުވާ ނުލިބި މަރުވި ވާހަކައަކީ ދޮގެއް

ކެންސަރު ބަލީގެ މީހަކު ފަރުވާ ނުލިބި މަރުވި ވާހަކައަކީ ދޮގެއް ކަމަށް އައިޖީއެމްއެޗް ހޮސްޕިޓަލުން ބުނެފިއެވެ.

އައިޖީއެމްއެޗުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ބަލިމީހާގެ ހާލަތު ސީރިއަސް ނޫންކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދިން ކަމަށާއި ނިޔާވީ ފަރުވާއެއް ނުލިބި ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮންނަތާ 6 ދުވަސްފަހުން ކަމަށް މީޑިއާގައި ރިޕޯޓުކޮށްފައިވަނީ ހަގީގަތާއި ހިލާފަށް ކަމަށެވެ.

އެގޮތުން ނިޔާވި ބަލިމީހާ އައިޖީއެމްއެޗަށް އެންމެ ފުރަތަމަ ދައްކާފައިވަނީ މިމަހުގެ 26 ވަނަ ދުވަހުގެރޭ ކަމަށާއި ފުވައްމުލަކު ހޮސްޕިޓަލުން މިކޭސް އައިޖީއެމްއެޗަށް ރިފަރކޮށްފައިވަނީ އެޑްވާންސްޑް ކެންސަރ ކަމަށް ދެނެގަނެ، ސީރިއަސް ކޭސްއެއްގެ ގޮތުގައި ކަމަށް އައިޖީއެމްއެޗުން ހާމަކޮށްފައިވެއެވެ.

އަދި ކޯވިޑް-19 އާއި ގުޅިގެން އައިޖީއެމްއެޗުން އާއްމުކޮށްދޭ ގިނަ ޚިދުމަތްތަކެއް މިވަގުތު ހުއްޓާލާފައިވީނަމަވެސް ލަސްނުކޮށް ބަލިމީހާގެ ސީޓި ސްކޭން ހެދި ކަމަށާއި، ބަލިމީހާގެ ހަށިގަނޑަށް ކެންސަރު ފެތުރިފައިވާ މިންވަރާއި މިފަދަ މިންވަރަކަށް ކެންސަރު ފެތުރިފައިވާނަމަ ދެން ދިމާވެދާނެ ކަންކަންވެސް އާއިލާއަށް ކިޔައިދީފައިވާނެ ކަމަށް ހޮސްޕިޓަލުގެ ބަޔާނުގައިވެއެވެ.

ފަރުވާގެ ކަންކަން ކުރިއަށްގެންދަނިކޮށް އެ މީހާ ނިޔާވެފައިވަނީ ހޮސްޕިޓަލުގައި އެޑްމިޓްކުރިތާ ދެދުވަސް ފަހުން މިމަހުގެ 29 ވަނަ ދުވަހު ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

އައިޖީއެމްއެޗުން ވަނީ މިފަދަ ނާޒުކު މައްސަލަތަކުގައި ކަމުގެ ޙަޤީޤަތް އޮޅޭގޮތަށް، އަދި ހޮސްޕިޓަލުގެ ބަހެއް ލިބުމުގެ ކުރިން ޚަބަރު ފެތުރުމަކީ ހޮސްޕިޓަލުން ހިތާމަކުރާ ކަމެއް ކަމަށް ބުނެފައެވެ.

ނަމަވެސް މިފަދަ މައްސަލަތައް ރިވިއުކޮށް އިޞްލާޙުކުރަންޖެހޭ ނުވަތަ ހޮސްޕިޓަލުން މިހާރު ޢަމަލުކުރަމުންދާ ގޮތަށްވުރެ ރަނގަޅަށް ކުރެވިދާނެ ކަމެއް އޮތްތޯ ބަލައި ބަދަލެއް ގެންނަންޖެހޭ ކަމެއް އޮތްނަމަ އެފަދަ ބަދަލުތައް އަބަދުވެސް ގެންނަމުންދާކަމުގެ ފުރިހަމަ ޔަޤީންކަން އައިޖީއެމްއެޗުން ވަނީ ދީފައެވެ.