Last Updated: April 25, 20:50
Thursday, April 25, 2024
ދުނިޔެ

ދެ މަހަށްފަހު އަގްސާ މިސްކިތް އަލުން ހުޅުވައިފި

ކޮވިޑް-19 އާއި ގުޅިގެން ރައްކާތެރި ފިޔަވަޅެއްގެ ގޮތުން ބަންދުކުރި އަގްސާ މިސްކިތް މިއަދު އަލުން ހުޅުވައިފިއެވެ.

އަގްސާ މިސްކިތުގައި އަޅާފައިވާ ފިޔަވަޅުތައް ނެގުމަށްފަހު އަލުން ހުޅުވިކަން ހާމަކުރީ އިސްލާމީ ތަރިކަތައް ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުވެފައި އޮންނަ އިސްލާމިކް ވަގްފް ޑިޕާޓްމަންޓުންނެވެ.

އަގްސީ މިސްކިތް އަޅުން ހުޅުވި ނަމަވެސް އާންމުންނަށް ވަނީ ބަލިން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށް އަންގާފައެވެ. އެގޮތުން މިސްކިތަށް ނަމާދަށް އަންނައިރު މުސައްލާއެއް ހިފައިގެން އައުމަށާއި އަދި މާސްކު އެޅުމަށް ވަނީ އަންގާފައެވެ.

އަގްސާ މިސްކިތް އަޅުން ހުޅުވުމާއެކު އެތައް ހާސް ބަޔަކު، އެ މިސްކިތުގައި ނަމާދު ކުރުމަށް ވަނީ އެއްވެފައެވެ.

"މިސްކިތް އަލުން ހުޅުވުމާއެކު، އަލުން ނޭވާލެވުނުކަމުގެ އިހުސާސް ކުރެވެން ފަށައިފި. މާތްﷲ އަށް ހަމްދުހުރި" އަގްސާ މިސްކިތަށް ނަމާދަށް ދިޔަ މީހަކު ބުންޏެވެ.

މަސްޖިދުލް އަގްސާއަކީ މުސްލިމުންގެ ތިންވަނައަށް އެންމެ މުގައްދަސް ބިނާއެވެ.

ކޮވިޑް-19 އާ ގުޅިގެން ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި މިދިޔަ މާޗު މަހުގެ ތެރޭގައި ވަނީ ކުއްލި ހާލަތު އިއުލާންކޮށްފައެވެ. އެގޮތުން، ހުޅަނގު އައްސޭރި އާއި ގައްޒާ އިން މިހާތަނަށް 500 އެއްހާ ކޭސް ރިޕޯޓު ކޮށްފައިވާއިރު، އޭގެ ތެރެއިން ތިން މީހަކު ވަނީ މަރުވެފަ އެވެ.