Last Updated: April 23, 21:11
Tuesday, April 23, 2024
ޚަބަރު

ފުލުހުން އަނިޔާވެރިވުމަށް ދެއްކޭނެ އެއްވެސް އުޒުރެއް ނޯންނާނެ

ހަމީދ

ފުލުހުންގެ ބާރުގެ ބޭނުންކުރަން ވާނީ ގާނޫނާއި ގަވައިދުގެ ތެރެއިން ކަމަށާއި، އާންމުންނާއި މެދު އަނިޔާވެރިވުމަށް ދެއްކޭނެ އެއްވެސް އުޒުރެއް ނޯންނާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ސީޕީ ހަމީދު މިހެން ވިދާޅުވީ އެމެރިކާގެ މިނިއާޕޮލިސްގައި ކަޅު ނަސްލުގެ މީހެއް ކަމަށްވާ ޖޯޖް ފްލޮއިޑްގެ ކަރަށް ފައިން އަރައި "މަރާލި" މައްސަލަ ބޮޑުވެފައިވާ ދަނޑިވަޅެއްގައި މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން ސީޕީ ވިދާޅުވީ ފުލުހުން ބާރުގެ ބޭނުން ކުރަން ޖެހޭނީ ގާނޫނީ އިމުގެ ތެރެއިން، ހާލަތާއި ބައްދަލުވާ ގޮތަކަށް އަދި މަސްލަހަތު ހިމާޔަތް ކުރުމަށް އެ ނޫން ގޮތެއް ނެތް ހާލަތްތަކުގައި ކަމަށެވެ. އަދި ފުލުހުން ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި އަނިޔާވެރިވުމަށް ދެއްކޭނެ އެއްވެސް އުޒުރެއް ނޯންނާނެ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

ފްލޮއިޑްގެ ކަރަށް ފައިން އަރައި މަރާލާފައިވަނީ ދޮން ނަސްލުގެ ފުލުހެއް ކަމަށްވާ ޑެރެކް ޗައުވިން އެވެ.

މިހާރު އާއްމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ކަރަށް ފައިން އެރުމާ ގުޅިގެން ނޭވާ ނުލެވޭ ކަމަށާއި އޭނާ މަރާނުލުމަށް ފްލޮއިޑް ދިޔައީ އާދޭސް ކުރަމުންނެވެ. އެގޮތުން ފްލޮއިޑް މަރުވީ ކަރަށް ފައިން އެރުމާ ގުޅިގެން ނޭވާ ހާސްވެގެންނެވެ.

ފްލޮއިޑްގެ މަރާއެކު ޑެރެކް ހައްޔަރުކޮށް ފުލުހުންގެ ވަޒީފާ ވެސް ވަކިކޮށްފައިވާއިރު، އޭނާއާއެކު އިތުރުން އިތުރު ތިން ފުލުުހަކު ވެސް ވަނީ ވަޒީފާ އިން ވަކިކޮށްފައެވެ. ނަމަވެސް އެއީ ކުޑަ މިންވަރެއް ކަމަށް ބުނެ އެމެރިކާގެ އެކި ސިޓީތަކުގައި އަންނަނީ މުޒާހަރާތަކެއް ކުރަމުންނެވެ.