Last Updated: March 29, 02:52
Friday, March 29, 2024
ޚަބަރު

މިއަދުން ފެށިގެން ދުންފަތާއި ދުރަށްދާން އަޒުމް ކަނޑައަޅަމާ: އަމީން

ދުންފަތުގެ އިސްތިއުމާލް ކުރުމުން ސަލާމަތްވާން އަޒުމް ކަނޑައަޅަން މިއަދަކީ އެންމެ ރަނގަޅު ދުވަސް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަމީން މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ މިއަހަރުގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައި ދެއްވި މެސެޖެއްގައެވެ.

އެގޮތުން އަމީން ވިދާޅުވީ ދުންފަތުގެ އިސްތިއުމާލް ކުރުމުން އިންސާނާގެ ސިއްހަތަށް ލިބޭ ގެއްލުމާއި، އިގްތިސާދީ ގޮތުން ލިބޭ ގެއްލުމާއި، އިޖުތިމާއީ ގޮތުން ކުރިމަތިވާ ގޮންޖެހުންތަކަކީ ދެބަސްވުމަށް ފުރުސަތު އޮތް ކަންތައްތަކެއް ނޫން ކަމަށެވެ.

އަދި މިއަހަރުގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ފާހަގަކުރަމުންދަނީ ކޮވިޑް-19 ގެ ގިލަންވެރިކަމުގައިކަން ފާހަގަކުރައްވަމުން އަމީން ވަނީ މިއީ މިފަދަ ސިއްހަތަށް ނުރައްކާތެރިވާ ކަމަކުން ސަލާމަތްވާން އަޒުމް ކަނޑައަޅަން އެންމެ ރަނގަޅު ދުވަސް ކަމަށް ވިދާޅުވެފައެވެ.

"މިފަދަ ދުވަހަކީ ދުންފަތުގެ އިސްތިއުމާލް ކުރުންފަދަ ސިއްހަތަށް ގެއްލުންވާ ބޮޑު ކަމަކުން ސަލާމަތްވުމަށް އަޒުމް ކަނޑައަޅައި އެކަމަށް މަސައްކަތް ފަށައިގަންނަން އެންމެ ރަނގަޅު ދުވަސް" އަމީން ވިދާޅުވިއެވެ.

މީގެއިތުރުން ޒުވާނުންނާއި ކުޑަކުދިން ދުންފަތުގެ އިސްތިއުމާލު ކުރުމާއި ދުރުހެލި ކުރުމަށް ފަރުދީ ގޮތުން ކޮންމެ މީހަކު ވެސް ޒިންމާ އަދާކުރަން ވެސް އަމީން ވަނީ ގޮވާލާފައެވެ. އަދި ދުންފަތުގެ ނުރައްކަލުން ހުރި ގޮންޖެހުންތަކުން ސަލާމަތްވުމަށް ކުރިން ހުރި މަސައްކަތް މެދުކެނޑުމެއް ނެތި ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށްވެސް އަމީން ވިދާޅުވިއެވެ.