Last Updated: April 19, 13:47
Friday, April 19, 2024
ޚަބަރު

ކަރަންޓީނަށް އަމިއްލަ އިމާރާތްތައް ސަރުކާރަށް ނެގޭ ގޮތް ހަދައިފި

މާލޭގެ އިމާރާތްތަކެއް: ފޮޓޯ: ވީނިއުސް

ކޮވިޑް-19 އާ ގުޅިގެން މީހުން ކަރަންޓީން ކުރުމަށް އަމިއްލަ އިމާރާތްތައް ސަރުކާރަށް ނެގޭ ގޮތަށް ގަވާއިދެއް އެކުލަވާލައިފިއެވެ.

ހެލްތް މިނިސްޓްރީން އެކުލަވާލާފައިވާ އެކަހެރި ކުރުމުގެ މަރުކަޒުތަކާއި ކަރަންޓީނު ކުރުމުގެ މަރުކަޒުތަކާ ބެހޭ ގަވާއިދުގައި ބުނެފައިވާ ގޮތުން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ވަކި އިމާރާތެއް އެއީ ކަރަންޓީނު ކުރުމުގެ މަރުކަޒެއް ކަމުގައި ނުވަތަ މީހުން އެކަހެރިކޮށް ބައިތިއްބުމުގެ މަރުކަޒެއްގެ ގޮތުގައި ހިންގުމަށް މީހެއްގެ އިމާރާތެއް، ހެލްތް މިނިސްޓަރާ ހަވާލުކުރުމަށް، ވަޒީރު ކުރާ އަމުރަކުން އެންގިދާނެ ކަމަށެވެ.

ނަމަވެސް އެ އިމާރާތެއް ހަވާލުކުރުމަށް އަންގައި އަމުރު ކުރެވޭނީ ވަކި ހާލަތްތަކެއްގައި ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.

އެ ހާލަތްތަކަކީ ނުރައްކައުތެރި ބަލިމަޑުކަމެއް ފެތުރުމުގެ ސީދާ ނުރައްކާ ކުރިމަތިވެފައިވުމާއި، ނުރައްކައުތެރި ބަލިމަޑުކަމަކާ ގުޅިގެން މީހުން އެކަހެރިކޮށް ބައިތިއްބުމަށް ނުވަތަ ކަރަންޓީނުކޮށްފައި ބައިތިއްބުމަށް އެ އިމާރާތް ކޮންމެހެންވެސް ބޭނުންވެއްޖެ ހާލަތެއްގައި ކަމަށް އެ ގަވާއިދުގައި ބުނެފައިވެއެވެ.

އަދި ވަޒީރުގެ މުރަކާ ގުޅިގެން ހޯދާ އިމާރާތެއް، އެއްވެސް ހާލަތެއްގައި 12 މަސްދުވަހަށްވުރެ ދިގު މުއްދަތަކަށް ހިފަހައްޓައިގެން ނުވާނެ ކަމަށާއި، ހވާލުކުރުމަށް ވަޒީރު އަމުރުކުރާ ތަނަކީ މީހުން ދިރިއުޅޭ ތަނެއް ނަމަ، އެ އިމާރާތެއް ވަޒީރާ ހަވާލުކުރުމަށް އަންގަންވާނެ ކަމަށްވެސް ބުނެފައިވެއެވެ. އަދި އެފަދަ ތަނެއްގައި ދިރިއުޅޭ މީހުންނަށް ވަގުތީ އެހެން ތަނެއް ހޯދައިދިނުމުގެ އިންތިޒާމު ވެސް ހަމަޖައްސައިދޭންވާނެ ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.

މީގެއިތުރުން ނެގޭ އިމާރާތެއް އަނބުރާ ހަވާލުކުރުމުގެ ކުރިން، އެތަން ބޭނުންކުރި މުއްދަތުގައި އެ ހިސާބުގައި ހުރި އެ ފަދަ އިމާރާތެއް އާންމުކޮށް ކުއްޔަށްދޭ އަގަކީ ކޮބައިތޯ ބަލައި، އެ އަދަދަށް، އެ އިމާރާތް ބޭނުންކުރި މުއްދަތަށް، އިމާރާތުގެ ވެރިފަރާތަށް، ވަޒީރު ބަދަލު ދޭންވާނެ ކަމަށާއި އެ ކަންކަން ކަނޑައަޅަންވާނީ ފިނޭންސް މިނިސްޓަރުގެ ލަފަޔާއެކު ކަމަށްވެސް ބުނެފައިވެއެވެ.

އަދި ވަޒީރު ކުރާ އަމުރަކަށް އިމާރާތެއް ދިނުމަށް، އެ އަމުރު ރައްދުވާ ފަރާތުން ދެކޮޅުހަދައިފި ނަމަ، އެ އިމާރާތް ވަޒީރާ ހަވާލުކުރުމަށް އަންގައިދިނުމުގެ ކޯޓު އަމުރަކަށް އެދި ސިވިލް ކޯޓަށް ހުށަހެޅުމަށް، ބަންޑާރަ ނައިބުގެ އޮފީހަށް، ވަޒީރަށް ފޮނުވިދާނެ ކަމަށްވެސް ގަވާއިދުގައި ބުނެފައިވެއެވެ.