Last Updated: April 19, 13:47
Friday, April 19, 2024
ޚަބަރު

ކޮވިޑް އާއި ގުޅިގެން ރާއްޖޭން ކޮށްފައިވަނީ އާދަޔާ ހިލާފު މަސައްކަތެއް

ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއިން ކޮށްފައިވަނީ އާދަޔާ ހިލާފު މަސައްކަތެއް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަމީން މިހެން ވިދާޅުވީ "ކޮވިޑް ކެއާ" ސިސްޓަމް ލޯންޗު ކުރުމަށް ދަރުބާރުގޭގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

އެގޮތުން އަމީން ވިދާޅުވީ މިކަމުގެ ތެރޭގައި އުޅޭއިރު އެހެން ގައުމުތަކުން ކުރާ މަސައްކަތާއި އަދި ކިޔަން ފެންނަ ހުންނަ އެއްޗެހިން ލިބޭ މައުލޫމާތުތަކަށް ބަލާއިރު ރާއްޖެއިން މިކަމުގައި ކޮށްފައިވަނީ އާދަޔާ ހިލާފު މަސައްކަތެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"ހަގީގަތުގައި މާލޭގެ މީހުންގެ ދިރިއުޅުމާއި، މާލެ މިއޮތް ގޮތަށް ބަލާއިރުގައި މިހާ ބޮޑު މަސައްކަތެއް ނުކުރެވުނު ނަމަ އަޅުގަނޑުމެން އަތުން އެތައް ފުރާނައެއް ގެއްލިގެން ދިޔުމަކީ އެއީ ނުވެނުދާނެ ކަމެއް ނޫން. އެ މަސައްކަތްތަކުގެ ނަތީޖާ ހަގީގަތުގައި އަޅުގަނޑުމެންނަށް ސަލާމަތް ކުރެވުނު ފުރާނަތަކެއްގެ ގޮތުގައި ފެނިގެން މިދަނީ" އަމީން ވިދާޅުވިއެވެ.

މިކަން ކުރެވުނީ ހުރިހާ ފަރާތްތަކެއް ވެސް ގުޅިގެން ކުރި މަސައްކަތުންކަން ފާހަގަކުރައްވަމުން އަމީން ވަނީ މިއީ ގެއްލިގެންދާނެ މަސައްކަތެއް ނޫން ކަމަށްވެސް ވިދާޅުވެފައެވެ. އެގޮތުން މިއީ އެއްވެސް ކާރިސާއެއްގައި ނުކުރާ ފަދަ ދިގުދެމިގެންދާ ބުރަ މަސައްކަތެއް ކަމަށާއި އެހެންކަމުން މިކަމުގައި ބައިވެރިވާ އެންމެންނަށް ވެސް ޝުކުރުވެރިވާ ކަމަށް އަމީން ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް 1672 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، 406 މީހަކު ބަލިން ރަނގަޅުވެ، ފަސް މީހަކު ވަނީ މަރުވެފައެވެ. މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ތިން ދިވެހިންނާއި ދެ ބިދޭސީ އެކެވެ.