Last Updated: April 20, 11:49
Saturday, April 20, 2024
ޚަބަރު

ޕޮޒިޓިވްވި މީހުން އިތުރުވުމާ ލޮކްޑައުނަށް ލުއިދިނުމާ ގުޅުމެއް ނެތް

ރާއްޖެއިން މިއަދު 101 މީހަކު ކޮވިޑަށް ޕޮޒިޓިވްވުމަކީ ލޮކްޑައުނަށް ލުއިދިނުމާ ގުޅުމެއް އޮތް ކަމެއް ނޫން ކަމަށް އެޗްޕީއޭގެ އެޕިޑެމިއޮލިޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ރެއިން ފެށިގެން މިއަދު އިރުއޮއްސި 6 ޖެހުމާ ހަމައަށް 101 މީހަކު ޕޮޒިޓިވް ވެފައިވާއިރު، މީގެތެރޭގައި ހިމެނެނީ ހިމެނެނީ ބަންގްލަދޭޝް އަށް ނިސްބަތްވާ 72 މީހުން އަދި އިންޑިޔާއަށް ނިސްބަތްވާ 21 މީހުންގެ އިތުރުން 8 ދިވެހިންނެވެ.

މިރޭ އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަފްޒަލް ވިދާޅުވީ ޕޮޒިޓިވްވާ މީހުން އިތުރުވުމަކީ ކަންބޮޑުވުން ނެތް ކަމެއް ކަމަށް ނުދަންނަވާނެ ކަމަށާއި ނަމަވެސް މި އިތުރުވުމަކީ ލޮކްޑައުނަށް ލުއި ދިނުމުން އިތުރުވި އިތުރުވުމެއް ކަމަށް ނުބެލެވޭ ކަމަށެވެ.

އެގޮތުން މި 101 ކޭސްގެ ތެރެއިން 79 ކޭސް އަކީ އެއް ތަނެއްގައި ދިރިއުޅެމުންދާ މީހުންގެ ތެރެއިން ފެނިފައިވާ ކޭސްތަކެއް ކަމަށްވެސް އަފްޒަލް ވިދާޅުވިއެވެ.

"މިއީ އެއްތަނެއްގެ ކްލަސްޓާއެއް ކަމަށްވާތީ، ހަގީގަތުގައި ލޮކްޑައުނަށް ލުއި ދިނުމުގެ ޕްލޭންގެ ދަށުން ދިން ލުއިފަސޭހަތަކުގެ ސަބަބުން އިތުރުވި އިތުރުވުމެއް ކަމުގައެއް ނޫނޭ އަޅުގަނޑުމެންނަށް ނެގެނީ" އަފްޒަލް ވިދާޅުވިއެވެ.

މި 101 މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 1773 އަށް އަރާފައެވެ. މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 453 މީހުން ރަނގަޅުވެފައިވާއިރު ފަސް މީހަކު ވަނީ މަރުވެފައެވެ. އަދި 13 މީހަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

ކޮވިޑަށް ޓެސްޓު ކުރުމުގެ ކަންކަން މިހާރު އަންނަނީ ތިން ތަނެއްގައި ކުރަމުންނެވެ. އެއީ އައިޖީއެމްއެޗާއި، ފުލުހުންގެ ލެބްގެ އިތުރުން އޭޑީކޭ ހޮސްޕިޓަލުގައެވެ.