Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ލޮކްޑައުންގެ ލުއިތައް އަނބުރާ ގެންނަންޖެހޭ މަންޒަރެއް އަދި ނުފެނޭ

މާލެ ސަރަހައްދަށް އިއުލާންކޮށްފައިވާ ލޮކްޑައުނަށް ދީފައިވާ ލުއިތައް އަނބުރާ ގެންނަންޖެހޭ މަންޒަރު އަދި ނުފެންނަ ކަމަށް އެޗްޕީއޭގެ އެޕިޑެމިއޮލިޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

މިރޭ އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަފްޒަލް ވިދާޅުވީ މިއަދު 101 މީހަކު ޕޮޒިޓިވް ވެފައިވީ ނަމަވެސް ސާޖެއް އަންނަ ކަމުގެ އެއްވެސް ކަހަލަ ނިޝާނެއް ފެންނަން ނެތް ކަމަށާއި މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 79 ކޭސްއަކީ އެއްތަނެއްގައި ދިރިއުޅެމުންދާ މީހުންގެ ތެރެއިން ފެނުނު ކޭސްތަކެއް ކަމަށެވެ.

އެގޮތުން މި މީހުންނަކީ ލޮކްޑައުނަށް ލުއިދިނުމުގެ ޕްލޭންގެ ދަށުން ލިބުނު ލުއިފަސޭހަތަކެއްގެ ކިބައިން އިތުރަށް ޕޮޒިޓިވްވި ބައެއް ކަމަށް ނުބެލެވޭނެ ކަމަށާއި ލޮކްޑައުން ތެރޭގައި ވެސް އެމީހުންގެ ރިސްކު އޮންނާނީ ހަމަ އެއްވަރެއްގައި ކަމަށްވެސް އަފްޒަލް ވިދާޅުވިއެވެ.

"އަދި މިފެންނަ މަންޒަރަކުން ލޮކްޑައުންގައި ދީފައިވާ ލުއިފަސޭހަތަކުގެ ހާލަތު އަނބުރާ ގެންނަންޖެހޭ މަންޒަރެއް އަދި ނުފެނޭ، މި ކޭސްތަކުގެ ތަފްސީލަށް ބަލާއިރު" އަފްޒަލް ވިދާޅުވިއެވެ.

މިއަދު ޕޮޒިޓިވްވި 101 މީހުންގެ ތެރޭގައި ހިމެނެނީ ހިމެނެނީ ބަންގްލަދޭޝް އަށް ނިސްބަތްވާ 72 މީހުން އަދި އިންޑިޔާއަށް ނިސްބަތްވާ 21 މީހުންގެ އިތުރުން 8 ދިވެހިންނެވެ.

މި 101 މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 1773 އަށް އަރާފައެވެ. މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 453 މީހުން ރަނގަޅުވެފައިވާއިރު ފަސް މީހަކު ވަނީ މަރުވެފައެވެ. އަދި 13 މީހަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.