Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު

އެންމެން ތިބީ އެކުގައި، ކޯލިޝަން ނުރޫޅޭނެ: ޔުމްނާ

ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން

ކޯލިޝަނުގެ ހުރިހާ އެންމެން ވެސް މަސައްކަތް ކުރަނީ އެކުގައި ކަމަށާއި ކޯލިޝަން ނުރޫޅޭނެ ކަމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

ޔުމްނާ މިހެން ވިދާޅުވެފައިމިވަނީ ކޯލިޝަނުން ރޫޅުމުންް ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލީ ނުހައްގުން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވާނެ ކަމަށް އެމަނިކުފާނުގެ ދަރިކަލުން އަދި ރައީސް ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ތ. ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

އެކަމާ ގުޅިގެން ޔުމްނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ ކޯލިޝަނަކުން ގެނައި ސަރުކާރެއް ކަމަށާއި މި ދަތި އުނދަގޫ ވަގުތުގައިވެސް ރައްޔިތުންނަށްޓަކައި ކޯލިޝަން ސަރުކާރުން މަސައްކަތް ކުރަނީ އެކުގައި ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ކޯލިޝަނެއް ނުރޫޅޭނެ" ޔުމްނާ ވިދާޅުވިއެވެ.

ޔުމްނާ މިހެން ވިދާޅުވިއިރު ޣައްސާން ވަނީ ކުރީގެ ރައީސް މައުމޫނާއި އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫން ދާދިއަވަހަށް ރައީސް ޔާމީންގެ ދިފާއުގައި ވާހަކަދައްކަވާފާނެ ކަމަށް ވިދާޅުވެފައެވެ.

ޣައްސާން މިހެން ވިދާޅުވީ އޭނާ އަށް އަމާޒުކޮށް އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) އާއި ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ފާޑު ވިދާޅުވުމުން އެބޭފުޅުންނަށް ރައްދު ދެއްވާ ކުރެއްވި ޓްވީޓްތަކެއްގައެވެ.

ވައްޑެ ކުރެއްވި ޓްވީޓެއްގައި ބައްޕާފުޅާއި ބޭބޭފުޅުގެ ދިފާޢުގައި ބަހެއް ބުނަން އޭރު ނުކެރުނީ ކީއްވެތޯ ޣައްސާނާއި ވަނީ ސުވާލު ކުރައްވާފައެވެ. ޝަރީޢަތެއް، ޙުކުމެއް ވެސް ނެތި އޭރު އެބޭފުޅުން ޖަލަށް ލާފައި ތިބި ކަމަށާއި، މިހާރު ޔާމީން އެންމެނަށް ވެސް ގަބޫލު ކުރެވޭ ވަރުގެ ބޮޑު ޙުކުމެއްގައި ކަމަށް ވައްޑެ ވިދާޅުވިއެވެ.

އެ ޓްވީޓަށް ރައްދު ދެއްވާ ޣައްސާން ވަނީ އޭނާ ސަންގުޓީވީ އަށް ދެއްވި އިންޓަވިއު ބައްލަވާލެއްވުމަށް އެދިވަޑައިގެންފައެވެ. ނަމަވެސް އެ އިންޓަވިއުގެ ދިގުމުނުގެ ސަބަބުން އަދި އިންޓަވިއު ބަލާ ނުލެވޭ ކަމަށް ވިދާޅުވެ ވައްޑެ ވިދާޅުވީ ޔާމީނަށް ސިޔާސީ ނުފޫޒުން ޙުކުމެއް އައިނަމަ ޔަގީނުން ވެސް ބައްޕާފުޅާއި ބޭބޭފުޅު ވެސް އެކަން ފާހަގަ ކުރައްވާނެ ކަމަށް ދެކޭކަމަށެވެ.

ވައްޑެއަށް ރައްދު ދެއްވާ ޣައްސާން ވަނީ ކޯލިޝަން މުގުރުމުން އެކަން ފެންނާނެ ކަމަށާއި އަދި މިހާރުވެސް އެކަން ފެންނަ ކަހަލަ ކަމަށް ވިދާޅުވެފައެވެ.