Last Updated: April 20, 10:54
Saturday, April 20, 2024
ދުނިޔެ

ޖިމްތައް ނުހުޅުވާތީ އިންޑިއާގައި މުޒާހަރާކޮށްފި

ލޮކްޑައުނަށް ދިން ލުއިތަކާއެކު ވެސް ޖިމްތައް ނުހުޅުވާތީ އިންޑިއާގައި މުޒާހަރާއެއް ބާއްވައިފިއެވެ.

ލޮކްޑައުނަށް ދިން ލުއިތަކާއެކު ޝޮޕިން މޯލްތަކާއި، ރެސްޓޯރެންޓްތަކާއި، ހޮޓެލް އަދި އަޅުކަން ކުރާ ތަންތަން ހުޅުވުމުގެ ހުއްދަ ވަނީ ދީފައެވެ.

ނަމަވެސް ޖިމްތައް ހުޅުވުމުގެ ހުއްދަ އަދިވެސް ނުދޭތީ އިންޑިއާގެ ޕަންޖާބު ސްޓޭޓުގެ ބައެއް ސަރަހައްދުތަކުގައި ޖިމްތަކުގެ އޯނަރުންނާއި އިންސްޓްރަކްޓަރުން ވަނީ ނުރުހުން ފާޅުކޮށް އަޑުއުފުލާފައެވެ.

އެގޮތުން ޕަންޖާބުގެ އަމްރިތްސަރް ސިޓީގެ ޖިމް އޯނަރުންގެ އެސޯސިއޭޝަންގެ ރައީސް ދަރްމިންދްރަ ވަރްމާ ވިދާޅުވީ ފާއިތުވި ތިން މަސް ދުވަހު ވެސް ޖިމްތައް ހިނގަމުން އައިސްފައިވަނީ ގެއްލުމުގައި ކަމަށާއި ޖިމްތައް ހުޅުވާނެ ދުވަހެއް ވެސް ސަރުކާރުން ހާމަނުކުރާ ކަމަށެވެ.

ގެއްލުމުގައި ޖިމްތައް ހިންގި ނަމަވެސް ކުލި އާއި މުވައްޒަފުންނަށް ދޭންޖެހޭ މުސާރަތައް ބަރާބަރަށް ދެމުންދާ ކަމަށް ވަރްމާ ވިދާޅުވިއެވެ.

ލޮކްޑައުނަށް އިންޑިއާ އިން ލުއިތައް ދީފައިވަނީ ކޮވިޑް-19 ގެ ކޭސްތައް ގިނަ އަދަދަކަށް ފެންނަމުންދަނިކޮށެވެ. އެގޮތުން މިހާތަނަށް އެގައުމުން ދެ ލައްކަ އަށް ވުރެ ގިނަ މީހުން މި ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު ގާތްގަނޑަކަށް 7،000 މީހުން ވަނީ މަރުވެފައެވެ.