Last Updated: April 25, 21:20
Thursday, April 25, 2024
ދުނިޔެ

"ބާރުގެ ބޭނުން ކުރަންޖެހޭ ހާލަތްތައް ފުލުހުންނަށް ކިޔައިދޭންޖެހޭ"

ބާރުގެ ބޭނުން ކުރަންޖެހޭ ހާލަތްތައް ފުލުހުންނަށް ކިޔައިދޭންޖެހޭ ކަމަށް، އެމެރިކާގައި ދާދިފަހުން މަރާލެވުނު ޖޯޖް ފްލޮއިޑްގެ ބޭބެ ފިލޮނައިސް ފްލޮއިޑް ބުނެފިއެވެ.

އުމުރުން 42 އަހަރުގެ ޖޯޖް މަރުވެފައިވަނީ ކަކުލުން އޭނާގެ ކަރަށް އެމެރިކާގެ ކުރީގެ ފުލުހެއް ކަމަށްވާ ޑެރެން ޝައުވިން 8 މިނެޓް ވަންދެން އެރުމާ ގުޅިގެންނެވެ. އެކަމާ ގުޅިގެން ޑެރެކް އާއި މިކަމުގައި ބައިވެރިވި އިތުރު ހަތަރު ފުލުހަކު ވަނީ ވަޒީފާ އިން ވަކިކޮށްފައެވެ.

އެމެރިކާގެ ކޮންގްރެސްގައި އިއްޔެ ވާހަކަދައްކަމުން ޖޯޖްގެ ބޭބެ ބުނީ ބާރުގެ ބޭނުން ކުރަންޖެހޭ ހާލަތްތައް ފުލުހުންނަށް ކިޔައިދޭންޖެހޭ ކަމަށާއި އެގޮތުން އެފަދަ ބާރެއް ބޭނުން ކުރަންޖެހޭނީ ހަމައެކަނި ތިމާގެ ފުރާނަށް ނުރައްކަލަށް ހުށަހެޅިދާނެ ކަމަށް ބެލެވޭ ހާލަތެއްގައިކަން ފުލުހުންނަށް ކިޔައިދޭންޖެހޭ ކަމަށެވެ.

"އެއްވެސް މީހަކަށް ޖޯޖް އަނިޔާއެއް ނުކުރޭ. އެންމެ 20 ޑޮލަރާއި ހެދި އޭނާ މަރުވުން ހައްގެއް ނޫން. ކޮންގްރެސްގެ މެމްބަރުން ކައިރިން އަހާލަން ބޭނުން. ކަޅު ނަސްލުގެ މީހުންނަށް ހައްގު މިންވަރަކީ އެއީތޯ؟ މިއީ 2020، މިކަން ހުއްޓުވަންޖެހޭ" ފިލޮނައިސް ބުންޏެވެ.

ފުލުހެއްގެ އަނިޔާގެ ޝިކާރައަކަށް ވެގެން ދިޔައިރު ޖޯޖް އެހީއަށް އެދުނު ކަމަށާއި، ނަމަވެސް އެ ދުވަހު އެކަމަށް ދިނީ ބީރުކަންފަތެއް ކަމަށްވެސް އޭނާ ބުންޏެވެ.

"މިއަދު އަހަރެން މި ގޮވާލާ ގޮވާލުމުގެ އަޑު އަހާ. އަހަރުމެންގެ އާއިލާ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަގުތަކަށް ނިކުމެ ތިބި މީހުންގެ ގޮވާލުންތަކުގެ އަޑުހާ. މިކަން ހުއްޓުވައިދީ" އޭނާ ބުންޏެވެ.

ދޮން ނަސްލުގެ ފުލުހުންގެ ފަރާތުން އެމެރިކާގެ ކަޅު ނަސްލުގެ މީހުންނަށް ތަފާތު އެކި އަނިޔާތައް ލިބެމުން އަންނަތާ ވަނީ ގިނަ އަހަރުތަކެއް ވެގެން ގޮސްފައެވެ. އެކަމަށް ހައްލެއް ލިބިފައި ނުވާއިރު، ޖޯޖްގެ މަރާއެކު އެމެރިކާގެ އިތުރުން ޔޫރަޕްގެ އެހެން ބައެއް ގައުމުތަކުގައި ވެސް އަންނަނީ ސިލްސިލާކޮށް މިކަމާ ދެކޮޅަށް މުޒާހަރާތައް ބާއްވަމުންނެވެ.