Last Updated: April 23, 23:56
Tuesday, April 23, 2024
ދުނިޔެ

ފްލޮއިޑް މަރާލުމުގައި ބައިވެރިވި އެކަކު ކަފާލާތުގެ ދަށުން ދޫކޮށްލައިފި

ފުލުހުންގެ އަނިޔާތަކާ ގުޅިގެން އެމެރިކާގައި ދާދިފަހުން މަރުވި ޖޯޖް ފްލޮއިޑް މަރާލުމުގައި ބައިވެރިވި ކުރީގެ ފުލުހަކު ކަފާލާތުގެ ދަށުން ދޫކޮށްލައިފިއެވެ.

އެގޮތުން ކަފާލާތުގެ ދަށުން ޖަލުން ދޫކޮށްލާފައިވަނީ އުމުރުން 37 އަހަރުގެ ތޯމަސް ލޭން އެވެ. އޭނާ ޖަލުން ދޫކޮށްލީ ކަފާލާތުގެ ގޮތުގައި ދައްކަންޖެހޭ 750،000 ޑޮލަރު ދެއްކުމުންނެވެ.

އޭނާ ޖަލުން ދޫކޮށްލީ ޝަރުތުތަކާއެކު ކަމަށްވާއިރު، ދޫކޮށްލާފައި ހުންނަ މުއްދަތުގައި އޭނާގެ އަމަލުތައް ގަވާއިދުން މޮނީޓާ ކުރާނެއެވެ. އަދި ބަޑި ގެންގުޅުން ވެސް އޭނާ އަށް ވަނީ މަނާކޮށްފައެވެ.

ލޭން ޖަލުން ދޫކޮށްލިއިރު ފްލޮއިޑްގެ މަރާއި ގުޅިގެން އޭނާ ވަނީ ފުލުހުންގެ ވަޒީފާ އިން ވަކިކޮށްފައެވެ. އަދި އޭނާގެ މައްޗަށް މިހާރު ވަނީ މީހަކު މަރާލުމަށް އެހީވި ކަމުގެ ދައުވާ އުފުލާފައެވެ.

ފްލޮއިޑް މަރުވެފައި ވަނީ ދޮން ނަސްލުގެ ކުރީގެ ފުލުހެއް ކަމަށްވާ ޑެރެކް ޝައުވިން، އޭނާގެ ކަރަށް ކަކުލުން އަރައިގެން ހުރުމުގެ ސަބަބުން ނޭވާ ހާސް ވެގެންނެވެ.. އޭރު އޭނާ ދިޔައީ ނޭވާ ނުލެވޭ ކަމަށާއި މަރާ ނުލަން އެދި އާދޭސް ކުރަމުންނެވެ.

ފްލޮއިޑްގެ މަރާއި ގުޅިގެން ޑެރެކް ވެސް ފުލުހުންގެ ވަޒީފާ އިން ވަކިކުރުމަށްފަހު ވަނީ ހައްޔަރުކޮށްފައެވެ. އަދި އޭނާގެ މައްޗަށް މީހަކު މަރާލުމުގެ ދައުވާ އުފުލާފައިވާއިރު އޭނާގެ ކަފާލާތަށް 1.25 މިލިއަން ޑޮލަރު ކޯޓުން ވަނީ ކަނޑައަޅާފައެވެ.