Last Updated: March 29, 18:55
Friday, March 29, 2024
ވިޔަފާރި

އިންޓަނެޓް ބޭންކިންގް އަށް މިހާރު ވަގުތުން ރަޖިސްޓާ ކުރެވޭނެ

ބޭންކް އޮފް މޯލްޑިވްސްގެ ވެބްސައިޓް މެދުވެރިކޮށް ކަސްޓަމަރުންނަށް ވަގުތުން އިންޓަރނެޓް ބޭންކިންގއަށް ރަޖިސްޓަރކުރެވޭ ގޮތް ހަމަޖައްސައިފިއެވެ.

ބީއެމްއެލް އިން ބުނީ މިގޮތަށް ރަޖިސްޓަރކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ ބޭންކުގައި މިހާރުވެސް ބޭނުންކުރަމުންދާ އެކައުންޓަކާއި ކާޑެއް އޮންނަ ކަސްޓަމަރުންނަށް ކަމަށާއި އަދި ކަސްޓަމަރުގެ ފޯން ނުވަތަ އީމެއިލް އެޑްރެސް ބޭންކުގައި ރަޖިސްޓްރީކޮށްފައި އޮންނަންވާނެ ކަމަށެވެ.

އިންޓަރނެޓް ބޭންކިންގ އަށް ރަޖިސްޓަރވުމަށް (www.bankofmaldives.com.mv/internetbanking/signup) ސައިންއަޕް ބަޓަންއަށް ފިތާލުމަށްފަހު ކަސްޓަމަރުގެ އެކައުންޓް ނަންބަރު ޖަހައި އޯޓީޕީ ފޮނުވުމަށްއެދޭ ގޮތް (މޯބައިލް ނުވަތަ އީމެއިލް) ޚިޔާރުކުރެވޭނެއެވެ.

ރަޖިސްޓަރ ކުރަމުންދާއިރު އޯޓީޕީ ފޮނުވުމަށް ޚިޔާރުކުރާގޮތަކީ ބޭންކުގައި ރަޖިސްޓަރވެފައިވާ މޮބައިލް ނަންބަރަކަށް ނުވަތަ އީމެއިލް އެޑްރެހަކަށް ވާންވާނެއެވެ.

އޯޓީޕީ ޖެހުމަށްފަހު ބޭންކުންދޫކޮށްފައިވާ ކާޑެއް ބޭނުންކޮށްގެން ރަޖިސްޓްރޭޝަންގެ ސައްހަކޮށްލެވޭނެއެވެ. އެއާއެކު ވަގުތުން ޔޫސަރނޭމް އަދި ވަގުތީ ޕާސްވޯޑެއް ކަސްޓަމަރަށް ލިބޭނެއެވެ. ފުރަތަމަ ލޮޖިން ކުރުމަށް ކަސްޓަމަރުން ބޭނުންކުރާނީ މި ޕާސްވޯޑެވެ. އެއަށްފަހު އިރުޝާދު ދީފައިވާ ގޮތަށް ޕާސްވޯޑް ބަަދަލުކުރަންޖެހޭނެއެވެ.

ޒަމާނީ ޓެކްނޮލޮޖީއާ އެކު ބޭންކް އޮފް މޯލްޑިވްސް އިން އަންނަނީ ވަރަށް ފުޅާ ދާއިރާއެއްގައި ޑިޖިޓަލް ބޭންކިންގެ ހިދުމަތް ދެމުންނެވެ.

މި ހިދުމަތްތަކުގެ ތެރޭގައި އިންޓަރނެޓް، މޮބައިލް ބޭންކިން، ޕޭމަންޓްގޭޓްވޭ އަދި ޑިޖިޓަލް ވޮލެޓްގެ ހިމެނެ އެވެ. ބޭންކުގެ މެދުވެރިކޮށް ހިންގޭ މުއާމަލާތުގެ 90 އިންސައްތަ އަކީ ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން ހިންގޭ މުއާމަލާތްތަކެވެ. އަދި ބޭންކުގެ ކަސްޓަމަރުންގެ ތެރެއިން %87 ކަސްޓަމަރުން މިހާރުވެސް އިންޓަރނެޓް ބޭނުންކުރެއެވެ.