Last Updated: April 19, 06:01
Friday, April 19, 2024
ވިޔަފާރި

ބީއެމްއެލްގެ ކޮމިޔުނިޓީ ފަންޑުގެ އެހީ އިތުރު ފަސް ރަށަކަށް

ބޭންކް އޮފް މޯލްޑިވަސް އިން ތައާރަފްކޮށްފައިވާ އަހަރެންގެ ބޭންކް ކޮމިނިއުޓީ ފަންޑުގެ މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ 5 ޕްރޮޖެކްޓް ހޮވައި އެ ޕްރޮޖެކްޓް ހިންގުމަށް ބޭނުންވާ ފައިސާ އެ ފަރާތްތަކާ ހަވާލުކޮށްފިއެވެ.

ބީއެމްއެލް އިން ބުނީ އެ ފަސް ޕްރޮޖެކްޓަކީ ށ. ކަނޑިތީމުގައި ކޮމިއުނިޓީ ޕާކެއް ގާއިމް ކުރަން ހުށަހެޅި ޕްރޮޕޯސަލަކާއި އއ. ރަސްދޫގައު ހުންނަ ތައުލީމީ މަރުކަޒުގެ ލައިބްރަރީ ތަރައްގީ ކުރަން ހުށަހަޅާފައިވާ ޕްރޮޕޯސަލަކާއި ތ. ވޭމަންޑޫ ބީޗް ސަރަހައްދުގައި ޕިކްނިކް އޭރިއާ އެއް ތައްޔާރު ކުރަން ހުށަހެޅި ޕްރޮޕޯސަލެއްގެ އިތުރުން ގދ. ވާދޫގައި ސްކޭޓް ޕާކެއް ގާއިމް ކުރަން ހުށަހަޅާފައިވާ ޕްރޮޕޯސަލަކާއި ސ. ފޭދޫގައި އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ޕާކެއް ހަދަން ހުށަހެޅި ޕްރޮޕޯސަލެއް ކަމަށެވެ.

ބީއެމްއެލްގެ މެނޭޖަރު ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑުގެ ދަށުން ހިންގާ ޕްރޮޖެކްޓްތައް ކުރިއަށް ގެންދިޔުމުގައި ކޮވިޑް-19 ގެ ސަބަބުން ކޮންމެވެސް ވަރެއްގެ ދަތިތަކާ ކުރިމަތިވެ، ޕްރޮޖެކްޓްތައް ނިންމުމުގައި ލަސްތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

"އެހެން ނަމަވެސް އަޅުގަނޑުމެންގެ އަމާޒަކީ މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް މުޖުތަމައަށް ފައިދާކުރާނެ ވިހި ޕްރޮޖެކްޓަކަށް މި ފަންޑުގެ ދަށުން އެހީތެރިކަންފޯރުކޮށްދިނުން. އަދި މިދަތި އުނދަގޫ ހާލަތުގައިވެސް ރަށްރަށުގައި މި ޕްރޮޖެކްޓްތައް ކުރިއަށް ގެންދިޔުމަށް އާންމު ފަރުދުންނާއި ޖަމިއްޔާތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްފާހަގަކޮށް އެފަރާތްތަކަށް ޝުކުރު ދަންނަވަން." ސައީދު ވިދާޅުވިއެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތަޢުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.

މިއަހަރުގެ ޕްރޮޕޯސަލްތައް ހުށަހެޅުން 3 ފިޔަވައްސަކަށް ބަހާލުމަށްވަނީ ހަމަޖެހިފައެވެ. އަދި ފުރަތަމަ ދެ ފިޔަވަހީގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވުމަށް ހަމަޖެހިފައިވާއިރު ތިންވަނަ ފިޔަވަހީގައި 10 ޕްރޮޕޯސަލް ހޮވިގެންދާނެއެވެ. ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ދިނުމަށްވަނީ ހަމަޖެހިފައެވެ.