Last Updated: April 19, 22:14
Friday, April 19, 2024
ޚަބަރު

ހިޔާނާތުގެ ފައިސާ ލިބުނު ފަސް ފުލުހަކު ވަޒީފާއިން ސަސްޕެންޑްކޮށްފި

ފުލުހުންގެ މައި އިދާރާ ޝަހީދު ޙުސައިން އާދަމް ބިލްޑިންގ – ފޮޓޯ : ޕޮލިސް

އެމްއެމްޕީއާރްސީގެ ހިޔާނަތުގެ ފައިސާ ލިބުނު ފަސް ފުލުހަކު ވަޒީފާ އިން ސަސްޕެންޑްކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ އެމްއެމްޕީއާރްސީ މައްސަލައާ ގުޅޭގޮތުން ހިނގަމުންދާ ތަހުގީގުގައި އެމްއެމްޕީއާރްސީގެ ފައިސާ ލިބިފައިވާ ކަމަށް ފާހަގަވެފައިވާ ފުލުހުންގެ ވަޒީފާގައި މިވަގުތު ތިބި ފަސް މުވައްޒަފެއްގެ ޖިނާއީ އަދި އިދާރީ ތަހުގީގު ހިނގަމުންދާ ކަމަށެވެ.

އެ ތަހުގީގު ހިނގަމުންދާތީ އެ މުވައްޒަފުން މިވަގުތު ތިބީ ވަޒީފާގެ މަސްއޫލިއްޔަތުތަކުން ދުރުކުރެވިފައި ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް އޮފިޝަލް ދެއްވާފައެއް ނުވެއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތަކީ މިހާތަނަށް ރާއްޖޭގެ ތާރީޚުން ފެނުނު އެންމެ ބޮޑު ޚިޔާނާތެވެ. އޮޑިޓް އޮފީހުން ބެލިބެލުމުން އެމްއެމްޕީއާރްސީގެ ތެރެއިން 1.2 ބިލިއަން ރުފިޔާގެ ހިޔާނާތް ވަނީ ހިންގާފަ އެވެ.

ކުރީގެ ސަރުކާރުތަކުން ހިންގި ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތައް ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވެރިކަމުގެ ފުރަތަމަ ދުވަހު ކޮމިޝަނެއް އުފައްދަވާފައެވެ. އެ ކޮމިޝަނުން މިހާތަނަށް އެކަމާ ގުޅޭގޮތުން އެއްވެސް ރިޕޯޓެއް ނެރެފައެއް ނުވެއެވެ. ނަމަވެސް އެ ކޮމިޝަންގެ ފުރަތަމަ ޑްރާފްޓް ނިންމައި ރައީސް އަށް މިހާރު ވަނީ ފޮނުވާފައެވެ.

އެމްއެމްޕީއާރްސީގެ މައްސަލައާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު ފަސް އަހަރަށް ޖަލަށްލާފައެވެ.