Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު

ޔާމީނަކީ ރާއްޖެ ދުށް އެންމެ ވަރުގަދަ އިގްތިސާދީ ސިކުނޑި

ރާއްޖެ ދުށް އެންމެ ވަރުގަދަ އިގްތިސާދީ ސިކުނޑި އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވެއްޖެއެވެ.

ރޭ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މުންދު ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ބޮޑު ހީނަރުކަމެއް އައިސްފައިވާއިރު މިކަމުން އަރައިގަތުމުގެ އަވަސް ހައްލު އެނގިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން މުންދު ވަނީ އޭނާގެ ފަހަތުގައި ހުރި ޔާމީންގެ ފޮޓޯ އަށް އިޝާރާތް ކުރައްވައި އެއީ މިކަމުގެ އަވަސް ހައްލު ކަމަށް ވިދާޅުވެފައެވެ.

"އެއީ ރާއްޖެ ދުށް އެންމެ ވަރުގަދަ އިގްތިސާދީ ސިކުނޑި އަނެއްކާވެސް އަޅުގަނޑުމެންގެ ގައުމުގެ މުޅި އިގްތިސާދުގެ މޭސްތިރިއެއްގެ މަގާމަށް އަވަހަށް ރުޖޫއަވެ ވަޑައިގަތުން. ވެވަޑައިގެން އެމަނިކުފާނާއެކުގައި މަސައްކަތް ކުރަމުންދިޔަ ޓީމު ނިކުމެ މިކަމަށް އަތުކުރި އޮޅާލައިފިއްޔާ ސަލާމަތުގެ އައްސޭރިއެއް ލިބޭނެ" މި ހާލަތުން އަރައިގަތުމުގެ އަވަސް ހައްލު ސާފުކޮށްދެމުން މުންދު ވިދާޅުވިއެވެ.

މީގެއިތުރުން ރޭގެ ޖަލްސާގައި ވާހަކަދައްކަމުން މުންދު ވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން މި ސަރުކާރުން ހާވާ ހަޑި ސާފުކުރަން 20 އަހަރު ނަގާނެ ކަމަށާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހާވާފައި ދިޔަ ހަޑި ސާފުކުރަން ވެސް ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދުގެ ވެރިކަމާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ކުރީކޮޅު އެއްކޮށް ނެގި ކަމަށް މުންދު ވިދާޅުވިއެވެ.

"މިހާރު މިހާވާ ހަޑި ސާފުކުރަން 20 އަހަރު ދުވަސް ނަގާނެ. 20 އަހަރު ދުވަސް ނަގާނެ ކުރިން އޮތް ހިސާބަށް ހަމައެކަނި ރުޖޫއަވެލަން" މުންދު ވިދާޅުވިއެވެ.

އަދި ރާއްޖޭގެ އިގްތިސާދީ ހާލަތަށް ބޮޑު ހީނަރުކަމެއް އައިސްފައިވާ ކަމަށާއި އެގޮތުން މިދިޔަ އަހަރާއި އަޅާ ބަލާއިރު ރާއްޖޭގެ އާމްދަނީ ބޮޑުތަނުން ދަށްވަމުންދާއިރު މިއަހަރު ނިމޭއިރު ރާއްޖެ އޮންނާނެ ހިސާބާއި މެދު ވިސްނައި ފިކުރު ކުރަންޖެހޭ ކަމަށްވެސް މުންދު ވިދާޅުވިއެވެ.

އަދި ކަންކަން މިހެން އޮތްކަން އެނގިތިބެ ތައުލީމީ ބައެއް ބޭފުޅުން ވެސް "ހަނު" ތިއްބަވާތީ ހިތާމަކުރައްވާ ކަމަށްވެސް މުންދު ވިދާޅުވިއެވެ. ނަމަވެސް މިއަދު އަތުގައި ރައްކާކޮށްފައި ހުރި ފައިސާ ހުރުމުން ކޮޅަށް ތިބި ނަމަވެސް މިއަހަރު ނިމޭއިރު އެ ބޭފުޅުންނަށް ވެސް ދަތިތައް ދިމާވާނެ ކަމަށާއި އެ ދުވަހަކުން ޕީޕީއެމުން ދެއްކީ ރަނގަޅު ވާހަކަތަކެއް ކަމަށް ބުނި ނަމަވެސް އޭރުން އޮންނާނީ ވަގުތު ފާއިތުވެފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.