Last Updated: April 16, 11:02
Tuesday, April 16, 2024
ޚަބަރު

ޔާމީންގެ މައްޗަށް އިތުރު ދެ ދައުވާއެއް އުފުލައިފި

ޕީޕީއެމްގެ ބައްދަލުވުމެއްގައި ރައީސް ޔާމީން -- ފޮޓޯ / ސަން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިތުރު ދެ ދައުވާ އަށް އުފުލައި، ކްރިމިނަލް ކޯޓަށް މިއަދު ފޮނުވައިފިއެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ ޔާމީންގެ މައްޗަށް އިތުރު ދެ ދައުވާއެއް އުފުލީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ.ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، އަހުމަދު ކްރިކް ރިޟާ ނަމަކަށް ކިޔާ މީހެއް މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން އެ ފައިސާ ލޯންޑަރ ކުރުމަށްޓަކައި ފަށަލަކޮށްފައިވާ މައްސަލައާ ގުޅިގެން ކަމަށެވެ.

މި މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލާފައިވަނީ ގާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ 53 ވަނަ މާއްދާގެ (ހ) އާއި އެ ގާނޫނުގެ ފަސްވަނަ މާއްދާގެ (ހ) ގެ ތިންވަނަ ނަމްބަރާއި ހަވާލާދީ އެ ގާނޫނުގެ 53 ވަނަ މާއްދާގެ (ށ) ގެ ދަށުން މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއެވެ.

ޔާމީންގެ އިތުރުން މި މައްސަލައިގައި ކ.މާލެ، މއ.ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޟާގެ މައްޗަށް ވެސް ވަނީ ދައުވާތަކެއް އުފުލާފައެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ދިނުމުގެ މެދުވެރިއަކަށް ވުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއެވެ.

މީގެއިތުރުން ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑް އަދި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ވެސް ވަނީ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އުފުލާފައެވެ.

އަދި މި މައްސަލައިގެ ތެރެއިން ކުށުގައި ހިމެނޭ ފައިސާގެ ގޮތުގައި 1،349،885 ޑޮލަރާއި ކުށުގެ އަމަލުން ހޯދި ފައިސާއާ އެއްކޮށްފައިވާ 2،295،250 ޑޮލަރާއި ޖޫރިމަނާގެ ގޮތުގައި 34،689،425 ޑޮލަރު ދައުލަތަށް އަނބުރާ ހޯދުމަށް މަސައްކަތް ކުރާނެ ކަމަށްވެސް ޕީޖީ އޮފީހުން ބުނެއެވެ.

ޔާމީންގެ މައްޗަށް އިތުރު ދެ ދައުވާއެއް އުފުލާފައިވާއިރު، މަނީ ލޯންޑަރިންގެ ދައުވާއެއް ސާބިތުވެ އެމަނިކުފާނު މިހާރުވެސް ގެންދަވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.