Last Updated: April 23, 10:56
Tuesday, April 23, 2024
ޚަބަރު

ބީއެމްއެލްގެ އެހީއާއެކު ކުމުންދޫގައި ސޯލާ މަގުބައްތި ހަރުކޮށްފި

ދެމެހެއްޓެނެވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ހިންގާ 'އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު' ގެ ދަށުން ހދ. ކުމުންދޫގެ ބައެއް މަގު ބައްތިތައް ސޯލާ ބައްތިއަށް ބަދަލުކޮށްފިއެެވެ.

މިގޮތުން ކުމުންދޫގައި އަލަށް މީހުން އާބާދުވަމުންދާ ސަރަހައްދުގެ ބޮޑު މަގުގެ ބައްތިތައް ވަނީ އިޔާދަ ކުރަނިވި ހަކަތައިން ދިއްލޭ ބައްތިއަށް ބަދަލުކޮށްފައެވެ.

ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ ތިމާވެއްޓާއި ރަށްޓެހި ޕްރޮޖެކްޓަތަކަށް ނުހަނު ބޮޑު އިސްކަމެއްދޭ ކަމަށާއި މި ޕްރޮޖެކްޓަކީ ކޮމިއުނިޓީ ފަންޑުގެ ދަށުން ހިންގުނު ތަފާތު ޕްރޮޖެކްޓެއް ކަމަށެވެ.

"ޕްރޮޖެކްޓްގެ ސަބަބުން ކުމުންދޫގެ ކަރަންޓް ގްރިޑަށް ލޯޑް ކުޑަވެ، ކަރަންޓަށް ކުރާ ހޭދައަށް ލުޔެއް ލިބިގެންދާނެ. ކައުންސިލުން އަޅުގަނޑުމެންނަށް މައުލޫމާތު ދެއްވާ ގޮތުގައި ކަރަންޓް ލޯޑްކުޑަކުރުމަށް ވަރަށް ގިނައިން މަގުބައްތިތައް ނިއްވާލަންޖެހި އެކަމުގެ ދަތި އުނދަގޫތަކާ ރައްޔިތުން ތަހައްމަލްކުރަން ޖެހޭކަމަށް. އަޅުގަނޑުމެންގެ އުއްމީދަކީ މި ޕްރޮޖެކްޓާއެކު މިކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބި ރަށުގެ ރައްޔިތުންނަށް ލުއި ފަސޭހަތަކެއް ލިބިގެން ދިޔުން." ސައީދު ވިދާޅުވިއެވެ.

މި ޕްރޮޖެކްޓް ކާމިޔާބު ކުރެއްވި އަމީން މުހައްމަދު ބުނީ އުއްމީދަކީ މި ޕްރޮޖެކްޓްގެ ސަބަބުން ރަށުގެ ރައްޔިތުން އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް ހޭލުންތެރިކުރުވާ އަދި އިތުބާރު އުފެއްދުން ކަމަށާއި މި ޕްރޮޖެކްޓްގެ ސަބަބުން ބައެއް ފަހަރު އިންޖީނުގެއަށް ލޯޑުކުޑަކުރުމަށް ކަރަންޓްކަނޑާލެވޭ ވަގުތު ތަކުގައިވެސް އެ ރަށުގެ މަގުތަކަކީ އެންމެނަށް އަމާން ތަނަކަށް ވެގެންދާނެ ކަމަށެވެ.

"މިހާރު މިރަށުގެ އާންމު ތަންތަނަށް ކަރަންޓް ދިނުމަށް ހޭދަކުރާ މިންވަރުން %20 ކުޑަވެގެން ދާނެކަމަށް ގަބޫލްކުރެވޭ. މިހާ ފުރިހަމަ ކަމާއެކު މި ޕްރޮޖެކްޓް ނިންމާލުމަށް ބީއެމްއެލް އިން ވެދެއްވި މާލީ އެހީތެރިކަމަށާއި މި ރަށުގެ ރައްޔިތުން ދެއްވި އެއްބާރުލުމާއި އެހީތެރިކަމަށް އަޅުގަނޑު ޝުކުރު ދަންނަވަން." އަމީން ބުންޏެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތަޢުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.

މިއަހަރުގެ ޕްރޮޕޯސަލްތައް ހުށަހެޅުން 3 ފިޔަވައްސަކަށް ބަހާލުމަށްވަނީ ހަމަޖެހިފައެވެ. އަދި ފުރަތަމަ ދެ ފިޔަވަހީގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވުމަށް ހަމަޖެހިފައިވާއިރު ތިންވަނަ ފިޔަވަހީގައި 10 ޕްރޮޕޯސަލް ހޮވިގެންދާނެއެވެ. ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ދިނުމަށްވަނީ ހަމަޖެހިފައެވެ.