Last Updated: April 20, 14:49
Saturday, April 20, 2024
ޚަބަރު

ޖިންސީ ގޯނާގެ މައްސަލައިގައި އެންއައިސީއަށް އެއްބާރުލުން ދީފައިވާނެ

ސީޕީ ހަމީދު، ފޮޓޯ: ރާއްޖެއެމްވީ

ހުޅުމާލެ ފަޅުގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް (އެންއައިސީ) ފުރިހަމައަށް އެއްބާރުލުން ދީފައިވާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނެފައިމިވަނީ މި މައްސަލައިގައި ފުލުހުންގެ ފަރާތުން ބައެއް މައުލޫމާތު ލިބެމުން ނުދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި މިއަދު ބުނެފައިވަނިކޮށެވެ.

އެކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ސަފާރީގައި ހިނގި ޖިންސީ ގޯނާގެ މައްސަލައާ ގުޅިގެން މިހާތަނަށް އެންއައިސީ އިން ފުލުހުންނަށް ފަސް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

"އެއިން އެއްވެސް ސިޓީއެއްގައި ކޭސް ލޮގް ހޯދުމަށް އެދިފައެއް ނުވޭ، އަދި މިހާތަނަށް އެދިފައިވާ ކަންކަމަށް ފުރިހަަމައަށް އެއްބާރުލުން ދީފައިވާނެ ވާހަކަ ދަންނަވަން" އޮފިޝަލް ވިދާޅުވިއެވެ.

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މެމްބަރުންނަށް މައުލޫމާތު ދެއްވަމުން އެންއައިސީގެ މެމްބަރު ކާނަލް ރިޓަޔާޑް އަހުމަދު ޖިހާދް ވިދާޅުވީ ކޮންމެހެން ބޭނުންވާ ބައެއް މައުލޫމާތު ފޯރުކޮށްދިނުމަށް އެދި ސިޓީއެއް ފޮނުވާފައިވާނެ ކަމަށެވެ.

އެގޮތުން އެ މައްސަލައިގައި ކުރިއަށް ދެވޭނީ އެ މައުލޫމާތުތައް ލިބިގެންކަމަށާއި އެ ސިޓީއަށް ފުލުހުން 29 ވަނަ ދުވަހު ޖަވާބު ދިން ކަމަށާއި، އެހެން ނަމަވެސް ހިއްސާކުރީ ހަމައެކަނި ކަން ހިނގާދިޔަ ގޮތްކަމަށް ޖިހާދު ވިދާޅުވި އެވެ. އަދި އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާތީ އިތުރު މައުލޫމާތު ހިއްސާ ނުކުރެވޭނެ ކަމަށް ފުލުހުން ބުނެފައިވާކަން ފާހަގަކުރެއްވި އެވެ.

އަދި މިކަމުގައި ފުލުހުން އަމަލުކުރި ގޮތުގެ ބައެއް ލިޔެކިޔުން ބޭނުންވާނެތީ އެތަކެތި ފޯރުކޮށްދިނުމަށް ލިޔުމުން ފުލުހުންގެ ކިބައިން އެދުނު ކަމަށް ޖިހާދް ވިދާޅުވި އެވެ. މީގެއިތުރުން މިފަދަ މައްސަލަތައް ލޮގް ކުރާނެ ކަމަށާއި، އެހެން ނަމަވެސް މި މައްސަލައިގައި އަދި ލޮގްޝީޓް ވެސް ލިބިފައި ނުވާކަމަށް ވިދާޅުވި އެވެ.