Last Updated: April 23, 11:10
Tuesday, April 23, 2024
ޚަބަރު

މެމްބަރުންގެ އަނބިދަރިންގެ މާލީ ބަޔާން ހާމަނުކުރުމަކީ ފަސާދަ ހުއްޓުވުމަށް އެޅޭ ހުރަހެއް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަނބިދަރިންގެ މާލީ ބަޔާން ހާމަނުކުރުމަކީ ފަސާދަ ހުއްޓުވުމަށް އެޅޭ ހުރަހެއް ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެފިއެވެ.

ޓްރާންސްޕޭރެންސީން މިހެން ބުނެފައިވަނީ މަޖިލީހުގެ މެމްބަރުންގެ އަނބިންނާއި ދަރިންގެ މާލީ ބަޔާން އާންމު ނުކުރާ ގޮތަށް މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެންނަން މަޖިލީހުގެ އާންމު ކޮމެޓީން ފާސްކުރުމާ ގުޅިގެންނެވެ. ކޮމިޓީން މިގޮތަށް ފާސްކޮށްފައިވަނީ ޓްރާންސްޕޭރެންސީގެ ލަފަޔާއެކު އެވެ.

ޓްރާންސްޕޭރެންސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މަޖިލީހުގެ މެންބަރުން މާލީ ބަޔާން ހާމަކުރުމާގުޅޭގޮތުން މަޖިލީހުގެ ގަވާއިދުގައިވާ ބައެއް މާއްދާތަކަށް ބަދަލުގެނައުމަށް މަޖިލީހުގެ އާންމު ކޮމިޓީން ފާސްކުރިގޮތުން، މާލީ ބަޔާން ހުށަހެޅުމުގެ މަގްސަދު ހާސިލުކުރުމަށް ހުރަސްތަކެއް ކުރިމަތިވާ ކަމަށް ގަބޫލުކުރާ ކަމަށެވެ.

އަދި މިބަދަލުތަކަކީ އެ ޖަމިއްޔާއިން 26 ފެބްރުއަރީ 2020ގައި މަޖިލީހުގެ އިދާރާއަށް ފޮނުވާފައިވާ 'ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާން ހުށަހެޅުމަށް ކަނޑައަޅާފައިވާ އުސޫލުތަކުގެ މުރާޖިއާ' ރިޕޯޓުގެ ހުށަހެޅުންތަކާ ހިލާފު ބަދަލުތަކެއް ކަމަށްވެސް ބުނެފައިވެއެވެ.

އެގޮތުން މެންބަރުގެ އަނބިން/ފިރިން އަދި 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން އުނިކުރުމަށްފަހު ހަމައެކަނި މެންބަރުންގެ މާލީ ބަޔާން ޝާއިއުކުރެވިދާނެ ކަމަށް ލަފާދިން ކަމަށާއި ނަމަވެސް އެއާވިދިގެން އޮތްބައި ފާހަގަ ކޮށްފައިނުވާތީ އެކަމާ ކަންބޮޑުވާ ކަމަށް ބުނެފައިއެވެ.

އެގޮތުން އެޖުމްލައާއިއެކު، ޓްރާންސްޕޭރެންސީން ދިން ލަފާގައި ބުނެފައިވަނީ ތިރީގައިވާ ގޮތަށެވެ.

"އެހެންނަމަވެސް މިގޮތަށް ބައެއް މައުލޫމާތު އުނިކުރުމަށްފަހު އާންމުކޮށް ހާމަކުރާނީ ހުރިހާ މައުލޫމާތެއްވެސް (އާންމުކޮށް ހާމަކުރާ އަދި އުނިކުރެވޭ މައުލޫމާތުވެސް ހިމެނޭގޮތަށް) މިނިވަންކޮށް ޔަގީންކުރެވޭނޭ އުސޫލެއް (އިންޑިޕެންޑެންޓް ވެރިފިކޭޝަން ސިސްޓަމް) ގާއިމުކޮށް އަމަލުކުރެވެން ފެށުމުންނެވެ."

ޓްރާންސްޕޭރެންސީން ވަނީ އެ ޖަމިއްޔާ އިން ދީފައިވާ ލަފައެއްގެ ބައެއް ބޭނުންކުރުމަށްފަހު، އެއާވިދިގެން އޮތްބައި އުނިކުރުމުން، އެ ޖަމިއްޔާއިން ހުށަހެޅި ލަފާގެ މާނައާއި ފުރިހަމަކަށް ގެއްލި، އަދި އެ ލަފާ ދޭތެރޭ ބޮޑު އޮޅުންއަރާގޮތް މެދުވެރިވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބުނެފައެވެ.

މީގެއިތުރުން މާލީ ބަޔާން ހާމަކުރުމުގެ ހަރުދަނާ ނިޒާމެއްގެ ބޭނުމަކީ ސިޔާސީ ގޮތުން ބާރު ފޯރުވާ ފަދަ މަގާމުތަކުގައި ތިބޭ ފަރާތްތައް ޒިންމާދާރު ކުރުވުމާއި، ނުހައްގު މުއްސަނދިކަން ހުއްޓުވުމާއި، ރިޝްވަތުދިނުން ފަދަ އެހެނިހެން ފަސާދަ ހުއްޓުވުންކަން ފާހަގަކޮށްފެއެވެ.

"އެެހެންކަމުން، މެމްބަރުންގެ މާލީ ބަޔާން ހާމަކުރުމުގައި އަނބިން ނުވަތަ ފިރިން، އަދި ދަރިންގެ މާލީ ބަޔާން މިނިވަންކަމާއެކު ޔަގީން ކުރެވޭނެ ނިޒާމެއް ގާއިމުކުރުމަކާއި ނުލާ އެބަޔާންތައް ހާމަ ނުކުރުމަކީ ފަސާދަ ހުއްޓުވުމަށް ކުރާ މަސައްކަތުގެ މަގްސަދު ހާސިލްކުރުމަށް އެޅޭނެ ހުރަހެކެވެ" އެ ބަޔާނުގައި ބުނެފައިވެއެވެ.