Last Updated: April 20, 14:49
Saturday, April 20, 2024
ޚަބަރު

އެއްވެސް ނަމާދެއް 7 މިނެޓަށް ވުރެ ދިގު ނުކުރުން އަންގައިފި

މާލެ ސަރަހައްދުގައި މާދަމާ އިން ފެށިގެން ޖަމާއަތުގައި ނަމާދުކުރަން ފަށާއިރު، އެއްވެސް ނަމާދެއް 7 މިނެޓަށް ވުރެ ދިގު ނުކުރުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.

މާދަމާގެ މަޣްރިބު ނަމާދުން ފެށިގެން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރެވޭއިރު، މިނިސްޓްރީން ވަނީ އިމާމުން ސަމާލުކަންދޭންވީ ބައެއް ކަންކަން ފާހަގަކޮށްފައެވެ.

އެގޮތުން ބަންގިއަށް ފަހު 5 މިނިޓް ތެރޭގައި ޤަމަތް ދީ ނަމާދު ފެށުމަށާއި، އެއްވެސް ނަމާދެއް 7 މިނެޓަށް ވުރެ ދިގު ނުކުރުމުގެ އިތުރުން، ހުރިހާ ނަމާދެއްގައި ސޫރަތުލް ފާތިޙާ ފިޔަވައި ޟުޙާ ސޫރަތުން ފެށިގެން ތިރީގެ ކުރު ސޫރަތްތައް ކިޔެވުމަށް ވަނީ އަންގާފައެވެ.

އަދި މިސްކިތަށް އަންނައިރު ވަކި ކަންކަމަށް ސަމާލުކަން ދިނުމަށް ވެސް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

އެގޮތުން ގެއިން ވުޟޫކޮށްގެން އައުމާއި، އުމުރުން ދުވަސްވީ މީހުން މިސްކިތަށް ނައުމަށާއި، ރޯގާގެ އަލާމާތްތައް ހުންނަ މީހުން މިސްކިތަށް ނައުމަށާއި، މިސްކިތަށް އަންނައިރު މުސައްލާ ހިފައިގެން އައުމަށާއި، މިސްކިތައް ވަނުމުގައި އަދި ނިކުތުމުގައި ވެސް ގައިދުރުކަން ބެހެއްޓުމަށާއި، ނަމާދު ނިމުމަށްފަހު މިސްކިތުގައި މަޑުނުކުރުމަށާއި، މިސްކިތުގައި އަދި މިސްކިތުން ބޭރުގައި ވެސް އަތާ އަތް ޖޯޑުކޮށް ސަލާމް ކުރުން ފަދަ ކަންކަން ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.