Last Updated: April 24, 23:11
Thursday, April 25, 2024
ޚަބަރު

ރޭޕް ކޭސް: ތުހުމަތުވާ މީހުން ދޫކޮށްލީ އެންމެ ރަނގަޅު ގޮތް ކަމަށް ފެނިގެން

ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހުން ދޫކޮށްލީ އެވަގުތަށް އެންމެ ރަނގަޅު ގޮތް ކަމަށް ފެނިގެން ކަމަށް ފުލުހުން ބުނެފިއެވެ.

މި މައްސަލައިގެ ތުހުމަތުގައި ފުލުހުން ވަނީ 39 އަހަރުގެ ދެ ދިވެހިން ހައްޔަރުކޮށްފައެވެ. ނަމަވެސް ފުލުހުން ފަހުން ވަނީ އެ ދެ މީހުން ވެސް ދޫކޮށްލާފައެވެ.

މި މައްސަލައާ ގުޅިގެން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ހުޅުމާލޭ ޕޮލިހުގެ ހެޑް އިބްރާހިމް ރަޝީދު ވިދާޅުވީ ފުލުހުންގެ އެންމެ ބޮޑު ވިސްނުމަކީ މީހަކު ހައްޔަރުކޮށްގެން ގެންގުޅެފައި 30 ދުވަސް ވުމުން ކުށް ސާބިތުނުވެގެން ނޫނީ އެމީހެއްގެ މައްޗަށް ހުށަހަޅާނެ ހެކި ނެތިގެން ދޫކޮށްލުމަށްވުރެ ފައިދާ ބޮޑީ އެމީހަކު ދޫކޮށްލާފައި ބަހައްޓައިގެން ދިގު މުއްދަތު ނަގައިގެން ވިޔަސް މައްސަލަ ސާބިތު ކުރުމަށް ހެކި ހޯދުމުގެ ވަގުތު ހޯދުން ކަމަށެވެ.

"އެވަގުތަށް ލިބިފައި ހުރި މައުލޫމާތުތަކުގެ އަލީގައި އަޅުގަނޑުމެންނަށް ނިންމުނީ، މިއީ މިވަގުތު ހައްޔަރަށް ވުރެ އަޅުގަނޑުމެންނަށް ރަނގަޅު ވެގެންދާނެއޭ ތުހުމަތު ކުރެވޭ މީހުން ދޫކޮށްގެން މައްސަލަ ފުރިހަމަކޮށްފައި ޝަރީއަތަށް ހުށަހެޅުން. އެއީ އަޅުގަނޑުމެން ބެލީ މައްސަލަ ސާބިތު ކުރުމަށް އެންމެ ރަނގަޅު ގޮތް ކަމަށް" އޭނާ ވިދާޅުވިއެވެ.

ފުލުހުން ބަލަމުންދާ އެހެން މައްސަލަތަކުގައި ވެސް އަމަލުކުރަނީ ހަމަ މި މިންގަނޑުން ކަމަށާއި، ވަގުތީ ގޮތަކަށް މީހަކު ހައްޔަރުގައި ބެހެއްޓުމަށް ވުރެ ފުލުހުންގެ އަމާޒަކަށް ވާންވާނީ ކުށް ސާބިތުކުރުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އެގޮތުން މި ކޭސްގައި ވެސް އަޅުގަނޑުމެން ނިންމުމަށް ނިންމާފައިވަނީ އެ މޭރުމުން. އެވަގުތަށް ލިބިފައި ހުރި މައުލޫމާތާއި ހެއްކަށް ބަލާއިރު އެންމެ ރަނގަޅު ގޮތެއް ކަމަށް ފެންނަނީ އެވަގުތުން ހައްޔަރުން ދޫކޮށްފައި ފަހުން މި މައްސަލަ ތަހުގީގުކޮށްގެން ޝަރީއަތަށް ހުށަހެޅުން ކަމަށް" އޭނާ ވިދާޅުވިއެވެ.

މިވަގުތަށް އެމީހުން ދޫކޮށްލި ނަމަވެސް މި މައްސަލައިގެ ތަހުގީގަށް އެ މީހުން ފަހުން ހައްޔަރުކުރަން ޖެހިއްޖެނަމަ އެކަން ކުރާނެ ކަމަށް އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.