Last Updated: April 20, 18:41
Saturday, April 20, 2024
ޚަބަރު

އިތުރު ބަލި މީހުން އިންޑިއާ އަށް ގެންދަން ހުއްދަ ދީފި

ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ދާންޖެހޭ އިތުރު ބަލި މީހުން އިންޑިއާ އަށް ގެންދިޔުމުގެ ހުއްދަ އެގައުމުން ދީފިއެވެ.

މިކަން ހާމަކޮށްފައިވަނީ އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރްއާއެކު ބޭއްވި ބައްދަލުވުމަކަށްފަހު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއެވެ.

އިތުރު ބަލި މީހުން ގެންދިޔުމުގެ ހުއްދަ އިންޑިއާ އިން ދީފައިވާއިރު، އާސަންދަ ސްކީމުގެ ދަށުން ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ފުރުމަށް ހަމަޖެހިފައިވާ މީހުންގެ ތެރެއިން 28 މީހުން މިދިޔަ ހޯމަ ދުވަހުގެރޭ ވަނީ އިންޑިއާ އަށް ފުރާފައެވެ.

މި 28 ބަލި މީހުންނާއެކު އެމީހުންގެ އެހީތެރިންނާއި އަދި ބަލި މީހުންގެ ޞިއްޙީ ކަންކަން ދަތުރުމަތީގައި ބެލެހެއްޓުމަށް 2 ޑޮކްޓަރުންނާއި، 5 ނަރުހުންވެސް ވަނީ ފުރާފައިވާ ކަމަށް އާސަންދައިން މައުލޫމާތުދެއެވެ. މި އެންމެންގެވެސް ފަރުވާ ހަމަޖެހިފައިވަނީ، އަމްރީތާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް އެންޑް ރިސަރޗް ސެންޓަރ، އެއިމްސްގައެވެ.

އާސަންދައިގެ ދަށުން އިންޑިއާއަށް ދެވަނަ ފްލައިޓެއްގައި ދާން 50 އަށްވުރެ ގިނަ ބަލި މީހުން މިހާރުވެސް ލިސްޓުކޮށްފައިވާ ކަމަށާއި، މީގެތެރެއިންވެސް އެންމެ ކްރިޓިކަލް ބަލި މީހުން ފަރުވާއަށް ފޮނުވުމަށްޓަކާ ކުރަންޖެހޭ މަސައްކަތްތައް މިހާރުވެސް ކުރަމުންދާ ކަމަށްވެސް އާސަންދައިން ބުނެއެެވެ.