Last Updated: March 28, 14:17
Thursday, March 28, 2024
ޚަބަރު

ރޭޕެއް ނުހިނގާ ކަމަށް އަދި ނުނިންމަން: ފުލުހުން

ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލަ މިހާތަނަށް ތަހުގީގު ކުރަމުން އަންނަނީ ރޭޕްގެ މައްސަލައެއްގެ ގޮތުގައި ނޫން ކަމަށާއި ނަމަވެސް ރޭޕެއް ނުހިނގާ ކަމަށް އަދި ނުނިންމާ ކަމަށް ފުލުހުން ބުނެފިއެވެ.

އެ އަންހެން މީހާ ރޭޕްކުރި ކަމަށް ބައެއް މީޑިޔާތަކުގައި ރިޕޯޓުކޮށްފައިވީ ނަމަވެސް، އެ އަންހެން މީހާ "މިހާރު" ނޫހަށް ދިން އިންޓަވިއުއެއްގައި ވަނީ ރޭޕްގެ ތުހުމަތު ދޮގުކޮށް އޭނާ އަށް ކުރިމަތިވީ ޖިންސީ ގޯނާގެ މައްސަލައެއް ކަމަށް ބުނެފައެވެ.

މި މައްސަލައާ ގުޅިގެން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ޑެޕިއުޓީ ކަމިޝަނާ އޮފް ޕޮލިސް އަބްދުލް މަންނާނު ޔޫސުފް ވިދާޅުވީ މި މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވަނީ ޖިންސީ ގޯނާގެ މައްސަލައެއްގެ ގޮތަށް ކަމަށާއި މީޑިޔާގައި އަދި އޮތީ އެހެން މައްސަލައަކަށް ވެދާނެ ކަމަށެވެ.

ފުލުހުންނަށް މިހާތަނަށް އެ މައްސަލަ ރޭޕެއް ގޮތުގައި ހުށަހެޅިފައި ނެތް ނަމަވެސް ރޭޕެއް ނުހިނގާ ކަމަށް ނުނިންމާ ކަމަށްވެސް މަންނާނު ވިދާޅުވިއެވެ.

"ރޭޕެއް ނުހިނގާ ކަމަށް ރޫލްއައުޓް ކުރަނީކީއެއް ވެސް ނޫން. ފުލުހުންގެ ތަހުގީގު ކުރިއަށް ގެންދެވޭ ގޮތަކުން ލިބޭ ހެކިތަކުގެ މައްޗަށް ބުރަވެ އަޅުގަނޑުމެންނަށް އެއީ ރޭޕެއް ނުވަތަ އެޓެމްޕްޓެޑް ރޭޕެއް ގޮތުގައިވާނަމަ އެގޮތަށް ވެސް ކުރަން ޖެހުނު ކޮންމެ މަސައްކަތެއް ކުރާނަން" މަންނާނު ވިދާޅުވިއެވެ.

މި މައްސަލައިގައި އަނިޔާގެ ޝިކާރައަކަށްވި ފަރާތުން ލިބުނު މައުލޫމާތުތަކަކީ ތަހުގީގުގެ ވަރަށް މުހިއްމު ބައެއް ކަމަށާއި، އެ މައުލޫމާތުތަކަށް ބަލާއިރު މީޑިޔާގައި ދެކެވޭ ވާހަކަތަކާއި ފުލުހުންގެ ތަހުގީގު ކުރަމުންދާ މައްސަލައިގައި ތަފާތުތަކެއް ހުރި ކަމަށްވެސް މަންނާނު ވިދާޅުވިއެވެ.

މީގެއިތުރުން މަންނާނު ވަނީ މި މައްސަލައިގެ މައުލޫމާތު ހާމަކުރުމަށް މި ހަފްތާތެރޭ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށްވެސް ވިދާޅުވެފައެވެ.