Last Updated: April 18, 22:36
Thursday, April 18, 2024
ޚަބަރު

ހައްޔަރުކުރި މީހުން މަސްތުގެ ހާލަތުގައި ތިބި ކަމަށް ފާހަގައެއް ނުކުރެވޭ

ފޮޓ

ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތުހުމަތަށް ހައްޔަރުކުރި ދެ މީހުން މަސްތުގެ ހާލަތުގައި ތިބި ކަމަށް ފާހަގަކުރެވިފައި ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

މި މައްސަލައާ ގުޅިގެން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ޑެޕިއުޓީ ކަމިޝަނާ އޮފް ޕޮލިސް އަބްދުލް މަންނާނު ޔޫސުފް ވިދާޅުވީ އެވަގުތު ޑިއުޓީތަކުގައި ތިބި ފުލުހުންނަށް އެ މީހުން މަސްތުގެ ހާލަތުގައި ތިބި ކަމަށް ބެލެވިގެން ރެކޯޑު ކުރެވިފައި ނުވާ ކަމަށެވެ.

"އެހެންވެގެން އެކަމާ ގުޅިގެން އެ ނަޒަރުން އިތުރު ކަމެއް ކޮށްފައެއް ނުވޭ" މަންނާނު ވިދާޅުވިއެވެ.

މަންނާނު މިހެން ވިދާޅުވިއިރު މި ހާދިސާ ކުރިމަތިވި ކެންޔާގެ އަންހެން މީހާ "މިހާރު" ނޫހަށް ދީފައިވާ އިންޓަވިއުގައި ވަނީ ސަފާރީގައި އޭނާ އާއި އޭގައި ދެން ތިބި މީހުން ވެސް ބަނގުރާ ބުއި ކަމަށް ބުނެފައެވެ. އެގޮތުން ޖިންސީ ގޯނާ ކުރިމަތިވީ ބޯޓުގެ ޑެކުމަތީގައި ހުއްޓާ ކަމަށް އެމީހާ ބުނެފައިވެއެވެ.

އެ ސަފާރީގައި އަންހެން މީހާ ރޭޕްކުރި ކަމަށް ބައެއް މީޑިޔާތަކުގައި ރިޕޯޓުކޮށްފައިވީ ނަމަވެސް، އެ އަންހެން މީހާ "މިހާރު" ނޫހަށް ދިން އިންޓަވިއުއެއްގައި ވަނީ ރޭޕްގެ ތުހުމަތު ދޮގުކޮށް އޭނާ އަށް ކުރިމަތިވީ ޖިންސީ ގޯނާގެ މައްސަލައެއް ކަމަށް ބުނެފައެވެ.

އަދި މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި މަންނާނު ވެސް ވަނީ އެ މައްސަލަ ހުށަހެޅިފައިވަނީ ރޭޕްގެ މައްސަލައެއްގެ ބަދަލުގައި ޖިންސީ ގޯނާގެ މައްސަލައެއްގެ ގޮތުގައި ކަމަށް ވިދާޅުވެފައެވެ. އެ މައްސަލަ ރޭޕެއް ގޮތުގައި ހުށަހެޅިފައި ނެތް ނަމަވެސް ރޭޕެއް ނުހިނގާ ކަމަށް ނުނިންމާ ކަމަށްވެސް މަންނާނު ވިދާޅުވިއެވެ.