Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު

ދޮގު މައުލޫމާތު ފެތުރި މީޑިޔާއަށް ދައުވާކުރަން ވިކްޓިމް ބޭނުންވޭ

ޖިންސީ ގޯނާގެ ޝިކާއަރަކަށްވި އަންހެން މީހާ - ފޮޓޯ: މިހާރު

ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕްކުރި ކަމަށް ބުނެ ހަބަރު ފެތުރި މީޑިޔާއަށް ދައުވާކުރަން މި ހާދިސާ ކުރިމަތިވި އަންހެން މީހާ ބޭނުންވާ ކަމަށް ފުލުހުން ބުނެފިއެވެ.

އެ އަންހެން މީހާ ރޭޕްކުރި ކަމަށް ބުނެ އޭނާއާ ހަވާލާދީ އެންމެ ފުރަތަމަ މައުލޫމާތު ހާމަކުރީ "މެންދުރު އޮންލައިން" ނަމަކަށް ކިޔާ އޮންލައިން ނޫހަކުންނެވެ. ނަމަވެސް ކެންޔާ އަށް ނިސްބަތްވާ އެ އަންހެން މީހާ "މިހާރު" ނޫހަށް ދިން އިންޓަވިއުއެއްގައި ވަނީ ރޭޕްގެ ތުހުމަތު ދޮގުކޮށް އޭނާ އަށް ކުރިމަތިވީ ޖިންސީ ގޯނާގެ މައްސަލައެއް ކަމަށް ބުނެފައެވެ.

މި މައްސަލައާ ގުޅިގެން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ހުޅުމާލޭ ޕޮލިހުގެ ހެޑް އިބްރާހިމް ރަޝީދު ވިދާޅުވީ އެ ހާދިސާ ހިނގި ދުވަހު ނޫން އަނެއް ދުވަހު ފުލުހުންނަށް ލިބިފައިވާ މައުލޫމާތާއި މުޅިން ތަފާތު އާ ވާހަކަތަކެއް މީޑިޔާގައި ހުރުމުން އެކަމުގެ އަސްލު ހޯދަން ވިކްޓިމްއާ ވާހަކަދެއްކި ކަމަށެވެ.

އެގޮތުން އެކަން ހިނގި ގޮތާއި ގުޅޭގޮތުން ފުލުހުންނަށް ދީފައިވާ ބަޔާނަކީ އެއްވެސް ކަހަލަ އޮޅުވާލުމެއް ނެތި، އެއްވެސް މީހެއްގެ ނުފޫޒެއް ނެތި، އެކަން ހިނގި ގޮތަށް ދީފައިވާ ބަޔާނެއް ކަމަށް ވިކްޓިމް ބުނި ކަމަށް އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.

"މީޑިޔާގައި އޭނާގެ ފޮޓޯ ލައިގެން، އެގޮތަށް އެކަން ކުރީތީ އެމީހުންނާ ދޭތެރޭ ދައުވާކުރަން ބޭނުންވާ ކަމަށްވެސް. އަޅުގަނޑުމެން އެ މައްސަލަ އެބަ ބަލަން ވަކި މައްސަލައެއްގެ ގޮތުގައި" އޭނާ ވިދާޅުވިއެވެ.

މީޑިޔާގައި ތަފާތު ގޮތަކަށް އެކަމާ ގުޅޭ މައުލޫމާތު ހާމަކުރުމުން މިއަދުވެސް އެ އަންހެން މީހާ އަށް އެކަމުގެ އަސަރުކޮށް، އެކަމުގެ އުނދަގުލުގައި އޭނާ އުޅެމުންދާ ކަމަށާއި އަދި އާންމުންވެސް އެމީހާއާ ދޭތެރޭ ތަފާތު ގޮތަކުން މިހާރު ވިސްނައި އޭނާއަށް މަގުމަތީގައި ހިނގަން އުނދަގޫވާ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށްވެސް އިބްރާހިމް ވިދާޅުވިއެވެ.

"ވިކްޓިމް ބޭނުންވަނީ އެ މައްސަލައިގައި އާޓިކަލް ވެސް ނަގައި، އެ މައްސަލައިގައި އޭނާއަށް ލިބެންޖެހޭ ހައްގު ހޯދައިދޭން. އެހެންވެ އެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި އެބަ ބަލަން" އޭނާ ވިދާޅުވިއެވެ.