Last Updated: April 23, 23:56
Wednesday, April 24, 2024
ޚަބަރު

ބޮޑު ހިޔާނާތުގެ މައްސަލައާ ގުޅިގެން ހަތަރު ތަނެއް ބަލައި ފާސްކުރަނީ

Police

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ހަތަރު ތަނެއް ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ފުލުހުން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ މި އޮޕަރޭޝަން ކުރިއަށް ގެންދަނީ އެމްއެމްޕީއާރްސީ މައްސަލައާ ގުޅިގެން ފުލުހުންނާއި، އޭސީސީ، ޕީސީސީއާރް ގުޅިގެން ކަމަށެވެ.

އެގޮތުން މި އޮޕަރޭޝަނުގައި މާލެ އާއި ހުޅުމާލޭގެ ހަތަރު ތަނެއް ބަލައި ފާސްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އޮފިޝަލް ހާމަކުރެއެވެ. އަދި މިކަމާ ގުޅޭ އިތުރު މައުލޫމާތު ދެއްވާނީ އޭސީސީން ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

މިފަދަ އޮޕަރޭޝަނެއް ފުލުހުން ފަށާފައިވާއިރު އެމްއެމްޕީއާރްސީގެ ހިޔާނަތުގެ ފައިސާ ލިބުނު ފަސް ފުލުހަކު ދާދިފަހުން ވަނީ ވަޒީފާ އިން ސަސްޕެންޑް ވެސް ކޮށްފައެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތަކީ މިހާތަނަށް ރާއްޖޭގެ ތާރީޚުން ފެނުނު އެންމެ ބޮޑު ޚިޔާނާތެވެ. އޮޑިޓް އޮފީހުން ބެލިބެލުމުން އެމްއެމްޕީއާރްސީގެ ތެރެއިން 1.2 ބިލިއަން ރުފިޔާގެ ހިޔާނާތް ވަނީ ހިންގާފަ އެވެ.

ކުރީގެ ސަރުކާރުތަކުން ހިންގި ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތައް ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވެރިކަމުގެ ފުރަތަމަ ދުވަހު ކޮމިޝަނެއް އުފައްދަވާފައެވެ. އެ ކޮމިޝަނުން މިހާތަނަށް އެކަމާ ގުޅޭގޮތުން އެއްވެސް ރިޕޯޓެއް ނެރެފައެއް ނުވެއެވެ. ނަމަވެސް އެ ކޮމިޝަންގެ ފުރަތަމަ ޑްރާފްޓް ނިންމައި ރައީސް އަށް މިހާރު ވަނީ ފޮނުވާފައެވެ.

އެމްއެމްޕީއާރްސީގެ މައްސަލައާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު ފަސް އަހަރަށް ޖަލަށްލާފައެވެ.