Last Updated: April 25, 20:04
Thursday, April 25, 2024
ޚަބަރު

8 އަހަރުވީއިރު ވެސް ބައްޕަގެ މަރަށް އިންސާފެއް ނުލިބޭ: ޝީލާ

8 އަހަރުވީއިރު ވެސް ބައްޕަގެ މަރަށް އިންސާފު ނުލިބޭތީ، މަޝްހޫރު ފިލްމީ ތަރި ޝީލާ ނަޖީބު ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޝިލާގެ ބައްޕަ އަދި މަޝްހޫރު ގާނޫނީ ވަކީލް އަހްމަދު ނަޖީބު މަރާލާފައިވަނީ 2012 ވަނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

ޝީލާ މިއަދު ބުނީ މިފަނާ ކުރަނިވި ދުނިޔެއާ ބައްޕަ ވަކިވެގެން ދިޔަތާ މިއަދަށް 8 އަހަރުވީ ކަމަށާއި ނަމަވެސް އަދިވެސް އިންސާފެއް ނުލިބޭ ކަމަށެވެ.

"ބައްޕަގެ ގާތިލުން ތިބީ އުފަލުގައި ސަރުކާރުން ހިމާޔަތްކޮށްފައި. ދުވަހަކުވެސް މިފަދަ ނުބައި އަމަލު ހިންގާ މީހުންނަށް އަދަބެއް ނުދެވޭ. އަހަރުމެން ބޭނުމީ އިންސާފު" ޝީލާ ބުންޏެވެ.

ނަޖީބް މަރާލާފައި ވަނީ މ. މަސްރޫރާ ގެއަށް ނަޖީބު އައުމަށް ދައުވަތު ދީ، ނަޖީބް އެގެއަށް ދިއުމުން ގޮނޑިއެއްގައި ބަނދެފައި ބެހެއްޓުމަށް ފަހު ހަތަރު އިންޗި ހުންނަ ވަރުގެ ވަޅިއަކުން ނަޖީބުގެ ކަރަށް ހަމަލާ ދީގެންކަމަށް މި މައްސަލައިގައި ދައުލަތުން ދައުވާ އުފުލި އަހުމަދު މުއްރަތު ވަނީ ކްރިމިނަލް ކޯޓުގައި ބުނެފައެވެ.

އަދި ކްރިމިނަލް ކޯޓުން މުއްރަތު މަރަން ކުރި ހުކުމަށް ތާއީދުކޮށް ހައިކޯޓުން ކުރި ހުކުމް ދަމަހައްޓައި މުއްރަތު މަރަން ސުޕްރީމް ކޯޓުން ވެސް ވަނީ ހުކުމްކޮށްފައެވެ. ނަމަވެސް އެ ހުކުމް މިއަދާއި ހަމައަށް ވެސް ތަންފީޒުކޮށްފައެއް ނުވެއެވެ.

އެ މައްސަލައިގައި މުއްރަތުގެ އިތުރުން އޭނާގެ ކުރީގެ ލޯބިވެރިޔާ ފާތިމަތު ހަނާގެ މައްޗަށް ވެސް ދައުވާ އުފުލާފައިވެއެވެ. އޭނާ މެރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ވެސް ތާއީދުކޮށްފައިވެއެވެ.