ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ތަރުޖަމާނު މަބްރޫކް އަޒީޒް އަކީ، ރައްޔިތުންނާއި ކޮވިޑް-19 އާއި ދެމެދު އެޅުނު ވަރުގަދަ ބްރިޖެއް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
މިރެޔަކީ ކޮވިޑާއި ގުޅޭ މައުލޫމާތު ހިއްސާކުރުމަށް އެންއީއޯސީގައި ނޫސްވެރިންގެ ބައްދަލުވުން ބާއްވާ ފަހުރޭ ކަމަށްވާއިރު، މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން ވަނީ މަބްރޫކް ކުރެއްވި މަސައްކަތްތަކަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ.
އެގޮތުން އަމީން ވިދާޅުވީ މަބްރޫކް ފިޔަވައި ޖެހިޖެހިގެން މިހާ ގިނަ ނޫސްވެރިންގެ ބައްދަލުވުން ބޭއްވި ދިވެއްސެއް ފެނިގެން ގޮސްފައިނުވާ ކަމަށާއި އަދި ރާއްޖޭގެ ނޫސްވެރިންނާ މެދުކެނޑުމެއް ނެތި މިކަހަލަ ނުރައްކާތެރި ހާލަތެއްގައި މައުލޫމާތު މެދުކެނޑުމެއް ނެތި ފޯރުކޮށްދިން މީހަކާއި ވެސް އަދި ބައްދަލުވެފައި ނުވާ ކަމަށެވެ.
ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގައި މަބްރޫކް ދެއްކެވި ކެތްތެރިކަމާއި، ހާމަކަމާއި އަދި ފޮރުވުމެއް ނެތި މައުލޫމާތު ފޯރުކޮށްދިނުމުގައި މަބްރޫކް ދެއްކެވި ނަމޫނާ އަކީ މިކަމުގައި މަސައްކަތް ކުރާ އެންމެން ވެސް ހިފަހައްޓަންޖެހޭ ނަމޫނާއެއް ކަމަށްވެސް އަމީން ވިދާޅުވިއެވެ.
"އެއްވެސް ސިޔާސީ ކުލައެއް ނެތި، އެއްވެސް ފަރާތަކަށް ބުރަވުމެއް ނެތި، އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި، ނޫސްވެރިން ކުރާ ހުރިހާ ސުވާލުތަކަށް އަދި ރައްޔިތުން އެދޭ ހުރިހާ މައުލޫމާތެއް ސާފު ބަހުން ކިޔައި ދެވި، ފޯރުކޮށްދެވުމަކީ ފަހުން ވެސް ފާހަގަކުރަންޖެހޭ ކަމެއް" އަމީން ވިދާޅުވިއެވެ.
އަދި ނޫސްވެރިންނާއި މަބްރޫކްއާ ދެމެދު އޮތް ގުޅުމުގެ ސަބަބުން މިކަމާ ގުޅޭ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އެތައް ގުނަޔަކުން ފަސޭހަވި ކަމަށާއި މަބްރޫކް އަކީ ހަމަ ހަގީގަތުގައި ވެސް ނަމޫނާއެއް ކަމަށްވެސް އަމީން ވިދާޅުވިއެވެ.
"އުނދަގޫ ސުވާލުތައް ވެސް ކުރިމަތިވި، އުނދަގޫ ވަގުތުތައް ވެސް ދިޔަ. އަދި ނޫސްވެރިން އެދޭ މިންވަރަށް އެންމެ އެކަށީގެންވާ މިންވަރަށް މައުލޫމާތު އެއްކުރުމަށް ދަތިވާ ވަގުތުތައް ވެސް ދޭ. އެ ދަތިވާ ވަގުތު ވެސް ނޫސްވެރިން އެދޭ މިންވަރަށް މަބްރޫކްގެ މައުލޫމާތުތައް ވެގެންދިޔައީ ހަމަ ހަގީގަތުގައި ރައްޔިތުންނާ ކޮވިޑާއި ދޭތެރޭ އެޅުނު އެންމެ ވަރުގަދަ ބްރިޖަށް" އަމީން ވިދާޅުވިއެވެ.