Last Updated: March 29, 17:30
Friday, March 29, 2024
ޚަބަރު

ކުޑަކުއްޖަކު ރޭޕްކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

ފުލުހުންގެ މައި އިދާރާ ޝަހީދު ޙުސައިން އާދަމް ބިލްޑިންގ – ފޮޓޯ : ޕޮލިސް

އުމުރުން 18 އަހަރު ނުފުރޭ ކުޑަކުއްޖަކު ރޭޕްކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ސެންޓްރަލް ޕޮލިސް ޑިވިޝަނުގައި ހިމެނޭ ރަށެއްގައި އުމުރުން 18 އަހަރު ނުފުރޭ ކުޑަކުއްޖަކު ބަލިވެ އިން މައްސަލައެއް ޖެންޑަރ މިނިސްޓްރީން ހުށަހަޅާފައިވަނީ މިދިޔަ އަންގާރަ ދުވަހު ކަމަށެވެ.

އެ މައްސަލައިގެ ތުހުމަތަށް ފުލުހުން މިއަދު ވަނީ 37 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައެވެ.

އެ މައްސަލަ ބަލަނީ ކުޑަކުއްޖަކު ރޭޕްކޮށްފައިވާ މައްސަލައެއްގެ ގޮތުގައި ކަމަށާއި، އެ މައްސަލަ ޖެންޑާ މިނިސްޓްރީއާ ގުޅިގެން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކަކީ ސީރިޔަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުންދާ މައްސަލަތަކެއް ކަމަށްވާތީ, ކުއްޖާގެ ވަނަވަރު ރައްކާތެރި ކުރުމަށްޓަކައި ކުއްޖާގެ އަތޮޅާއި ރަށް ހާމަނުކުރަން ފުލުހުން ވަނީ ނިންމާފައެވެ.

ކުޑަކުއްޖަކު ބަލިވެ އިން މައްސަލައެއް ފުލުހުން ބަލަން ފަށާފައިވާއިރު، އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކު ބަލިވެއިން މައްސަލައެއްވެސް ފުލުހުން ދަނީ ބަލަމުންނެވެ.