Last Updated: March 28, 18:00
Thursday, March 28, 2024
ޚަބަރު

އިންސާފު ހޯދުމުގެ މަސައްކަތް އެހެން ނިޔަތެއް ނެތި ކުރާނީ އެމްޑީޕީގެ މެމްބަރުން

އިންސާފު ހޯދުމުގެ މަސައްކަތް އެހެން ނިޔަތެއް ނެތި ކުރާނީ އެމްޑީޕީގެ މެމްބަރުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އެމްޑީޕީން ނެރެން ފެށި "ހަބަރު ސިޓީ" ގެ ފުރަތަމަ އަދަދުގައި ލިޔުއްވާފައިވާ ލިޔުއްވުމެއްގައެވެ.

އެގޮތުން ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީގެ ސިޔާސީ މަސައްކަތްތައް ފެށިގެން އައީ ވަރަށް ގިނަ ބައެއް އޭރު ތަހައްމަލު ކުރަމުން އައި ބޭއިންސާފާއި އަނިޔާވެރިކަމުން މި ގައުމު މިންޖުކުރުމުގެ ހެޔޮ ނިޔަތާއި، އުއްމީދާއެކުގައި ކަމަށެވެ.

އަދި 1990 ގެ އަހަރުތަކުގައި ފެށި މި މަސައްކަތުގެ ނަތީޖާ މާނަވީ ގޮތެއްގައި ރައްޔިތުންނަށް އިހުސާސް ކުރެވެން ފެށީ މިއަހަރު ސުޕްރީމް ކޯޓުގެ ބެންޗަށް ގެނެވުނު މުހިއްމު ބަދަލުތަކާއެކުގައި ކަމަށާއި ތަފާތު އެތައް ތަޖުރިބާތަކަކަށްފަހު މި ބަދަލުތައް މިހާރު ފެންނަން ފަށާފައިވުމަކީ އެމަނިކުފާނަށް ވެސް ލިބޭ ބޮޑު ހިތްހަމަޖެހުމެއް ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

ނަމަވެސް އިންސާފު ހޯދައިދީ އަދި އިންސާފު ލިބިދޭނެ ނިޒާމެއް އެންމެ ފުރިހަމަ ގޮތުގައި އުފެއްދުމަކީ ހަމައެކަނި ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކޮށްގެން ކުރެވޭނެ ކަމެއް ނޫން ކަމަށާއި މި ބިޔަ ބޮޑު ކަމަކީ އެކަމަށް ބޭނުންވާ ހުރިހާ ކަމެއް ވަށާ ޖެހުމުން ލިބޭ ނަތީޖާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ގާނޫނުތައް އިސްލާހުކުރުމާއި، އެކަމަށް ބޭނުންވާ މީހުން އުފެއްދުމާއި، ވަސީލަތްތައް ގާއިމުކުރުމާއި، ތަމްރީނުގެ ފުރުސަތު ލިބުން ފަދަ ކަންކަމަކީ އެކުއެކީގައި ހިނގާން ޖެހޭ ކަންކަމެވެ. މީގެއިތުރުން މިކަމާ ގުޅުންހުރި އެހެނިހެން މުއައްސަސާތައް ވެސް އެކު އެކީގައި އިސްލާހު ކުރެވެންޖެހޭ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި އެމްޑީޕީގެ މެމްބަރުން މީގެ 20 އަހަރު ކުރާން ފެށި އިންސާފުގެ ދަތުރު އަދި ނިމެން ގާތްވެސް ނުވެއެވެ.

"އަޅުގަނޑުމެން އަދިވެސް މިތިބީ އެ ދަތުރު މަތީގައެވެ. މިކަން ކުރުމުގައި އިތުރު ވަކި ނިޔަތެއް ނެތި މަސައްކަތް ކުރާނެ ބަޔަކީ ވެސް އެމްޑީޕީގެ މެމްބަރުންނެވެ" ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ވަނީ މި މަސައްކަތް ކުރަން ފެށި ސަބަބު އެންމެ ހިނދުކޮޅަކަށް ވެސް ނައްތާނުލުމަށާއި، އެމްޑީޕީއާއެކު ދެމި ތިއްބެވުމަށް އެ ޕާޓީގެ މެމްބަރުންނަށް އިލްތިމާސްކުރައްވާފައެވެ. އެގޮތުން މި މަސައްކަތް ކުރާނީ އެމްޑީޕީގެ މެމްބަރުންނާއި އެމްޑީޕީއާއެކުގައި ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.