Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ރަހީނުކުރި 11 ދިވެހިން ސަލާމަތްކޮށްފި

ބޮޑުފިނޮޅުގައި ފުލުހުން ހަރަކާތްތެރިވަނީ - ފޮޓޯ: ޕޮލިސް

ބ. އަތޮޅު ބޮޑުފިނޮޅުގައި ހަދަމުންދާ ރިސޯޓެއްގައި ބިދޭސީންތަކެއް ހަމަނުޖެހުންތަކެއް ހިންގައި، ރަހީނުކުރި ހުރިހާ ދިވެހިން ސަލާމަތްކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ބޮޑުފިނޮޅުގައި މާލެއިން ދިޔަ ފުލުހުންގެ ޓީމު މިހާރު ހަރަކާތްތެރިވަމުންދާ ކަމަށާއި ބިދޭސީން ހިފެހެއްޓި 11 ދިވެހިން މިހާރު ސަލާމަތްކޮށްފައިވާ ކަމަށެވެ. ނަމަވެސް މި މީހުން ސަލާމަތްކުރި ގޮތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

11 ދިވެއްސަކު ސަލާމަތްކޮށްފައިވާއިރު އެއްވެސް ހަމަނުޖެހުމެއް ނުހިނގާ ކަމަށްވެސް ފުލުހުން ބުނެއެވެ. އަދި ސަލާމަތްކުރި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް ފުލުހުން ބުނެއެވެ.

"ސުލްހަވެރިކަމާއެކު މައްސަލަ ހައްލުކުރުމަށް އެމީހުންނާއެކު (ބިދޭސީން) ދަނީ މަޝްވަރާކުރަމުން. މިހާތަނަށް އެއްވެސް ހަމަނުޖެހުމެއް ނުހިނގާ" ފުލުހުން ބުނެއެވެ.

އެ ރަށުގައި 200 އެއްހާ ބިދޭސީން ތިބިއިރު، ދިވެހިންގެ ގޮތުގައި 15 މީހުން ތިބި ކަމަށް ފުލުހުން މީގެކުރިން ވަނީ ބުނެފައެވެ. ނަމަވެސް އޭގެތެރެއިން ހިފަހައްޓާފައި ތިބީ 11 މީހުން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ބިދޭސީން ހަމަނުޖެހުން ހިންގީ އެމީހުންނަށް ދޭންޖެހޭ މުސާރަ ނުލިބި ލަސްވެގެން ކަމަށް މައުލޫމާތު ލިބެއެވެ.

މި ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް އެންމެ ފުރަތަމަ ދިޔައީ ބ.އަތޮޅު ހިމެނޭ ރީޖަންގައި ހިމެނޭ ފުލުހުންގެ ޓީމަކުންނެވެ. ނަމަވެސް އެޓީމަށް އެ ރަށަށް އެރިޔަނުދީ ބިދޭސީން ވަނީ ހުރަސްއަޅާފައެވެ. އެގޮތުން މި ހަމަނުޖެހުން ކޮންޓްރޯލް ކުރުމުގައި ހަރަކާތްތެރިވި ފުލުހަކަށް ވެސް އަނިޔާވެފައިވެއެވެ. އެގޮތުން އޭނާގެ ބޯ ފަޅައިގެން ދިޔުމުގެ އިތުރުން އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ.