Last Updated: April 19, 19:29
Friday, April 19, 2024
ޚަބަރު

ސީއެސްސީގެ ރައީސް މަގާމުން އިސްތިއުފާ ދެއްވައިފި

ސީއެސްސީގެ ކުރީގެ ރައީސް ޑރ. އަލީ ޝަމީމު - ރައްޔިތުންގެ މަޖިލިސް

ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް ޑރ.އަލީ ޝަމީމު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ސީއެސްސީގެ ރައީސް މަގާމުން އިސްތިއުފާ ދެއްވާފައިވާކަން ހާމަކުރެއްވީ މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

ޝަމީމް މަގާމުން އިސްތިއުފާ ދެއްވާފައިމިވަނީ އޭނާއާއެކު ސީއެސްސީގެ ހަތަރު މެމްބަރަކު ވަކިކުރުމުގެ މައްސަލަ މިއަދުގެ ޖަލްސާ އަށް އެޖެންޑާ ކުރައްވާފައިވާ ދަނޑިވަޅެއްގައެވެ. ޝަމީމް މަގާމުން އިސްތިއުފާ ދެއްވާފައިވާތީ، މިއަދުގެ ޖަލްސާގައި އޭނާގެ އިތުބާރު ނެތް ކަމަށް ވޯޓަށް ނާހާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން މިދިޔަ މަހުގެ ފަހުކޮޅު ވަނީ ޝަމީމް އާއެކު ސީއެސްސީގެ ހަތަރު މެމްބަރަކު މަގާމުން ވަކިކުރަން ފާސްކޮށްފައެވެ. އެގޮތުން މަގާމުން ވަކިކުރަން ކޮމެޓީން ފާސްކުރި ނަންތަކަކީ އެ ޝަމީމްގެ އިތުރުން ކޮމިޝަންގެ ނައިބު ރައީސް ޝާހިދު މުހައްމަދާއި ކޮމިޝަންގެ ދެ މެމްބަރުން ކަމަށްވާ ޒަކަރިއްޔާ ހުސައިނާއި އިބްރާހިން ޝަހީގެވެ.

ސީއެސްސީގެ އެ ހަތަރު މެމްބަރުން މަގާމުން ވަކިކުރަން ހުށަހެޅީ ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމެވެ.

އެ ބޭފުޅުން މަގާމުން ވަކިކުރަން ހުށަހެޅީ ސިވިލް ސަރވިސް މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގައި ގެންގުޅެފައިވާ ނާއިންސާފު ގޮތްތަކުގެ މައްސަލަތަކާއި، ކޮމިޝަނުގެ ބައެއް މަޤާމުތަކަށް މުވައްޒަފުން ނެގުމުގައި އަމަލުކޮށްފައިވާ ގޮތާއި ގުޅޭ މައްސަލަތަކަކާއި ގުޅިގެންނެވެ.