Last Updated: March 29, 02:52
Friday, March 29, 2024
ޚަބަރު

ނަޝީދުގެ އިލްތިމާސް: މާސްކު އަޅައިގެން ދުވަސްކޮޅަކު އަދި އުޅުއްވާ!

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު - ފޮޓޯ: މަޖިލިސް

ކޮވިޑް-19 އިން ރައްކާތެރިވުމަށް މާސްކު އަޅައިގެން ދުވަސްކޮޅަކު އަދި އުޅުއްވުމަށް ދިވެހި ރައްޔިތުންގެ ކިބައިން، ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

މިއަދުގެ ޖަލްސާ ފައްޓަވަމުން ނަޝީދު ވިދާޅުވީ ރިޔާސަތުގައި އިންނަވާއިރު އެމަނިކުފާނު މާސްކު ނާޅުއްވަނީ ތިން ފޫޓު ދުރުގައި ތިބުމުން މިކަމުން ސަލާމަތްވާ ކަމަށް މައުލޫމާތު ލިބިފައިވާތީ ކަމަށާއި ނަމަވެސް އެ ބޭފުޅުން މާސްކު ނޭޅުއްވުމުން އާންމުން އެހެން ގޮތަކަށް ދެކޭ ކަމަށެވެ.

"އަޅުގަނޑުމެން މާސްކު ނޭޅީމާ، ދެން އާންމުންގެ ތެރެއިން މާސްކު އަޅަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ މީހުން މަދުވެގެން ދަނީ" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވަނީ މާސްކު އަޅައިގެން އަދި ދުވަސްކޮޅަކު އުޅުއްވުމަށް ހުރިހާ ރައްޔިތުންގެ ކިބައިން އާދޭހާއާއެކު ދަންނަވާފައެވެ.

"އަޅުގަނޑު ވަރަށް އާދެހާއާއެކު ދަންނަވަން ދިވެހިރާއްޖޭގެ ހުރިހާ ބޭފުޅުންނަށް ވެސް މި މާސްކުގަނޑު އަޅާލައިގެން އަދި ދުވަސްކޮޅަކު އުޅުއްވާށޭ" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މިކަމަށް ގޮވާލެއްވިއިރު މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ލޮކްޑައުނަށް ދިން ލުއިތަކާއެކު ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަނެއްކާވެސް ވަނީ އިތުރުވާން ފަށާފައެވެ. އެގޮތުން އިއްޔެ އެކަނި ވެސް ރާއްޖެއިން ވަނީ 67 މީހަކު ޕޮޒިޓިވް ވެފައެވެ. އޭގެތެރެއިން 52 މީހުންނަކީ ދިވެހިންނެވެ.

މި 67 މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 2731 އަށް އަރާފައެވެ. މީގެތެރެއިން ފަރުވާ ދެމުން އަންނަނީ 419 މީހުންނަށެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދު މިހާރު ވަނީ 2284 އަށް އަރާފައެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް ވަނީ 13 މީހަކު މަރުވެފައެވެ.