Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު

ހަސަން އިސްމާއިލަށް އެޅި ފިޔަވަޅުތައް އަންގައިދިނުމަށް އެދި ރައީސަށް ސިޓީއެއް

"ދި އެޑިޝަން"ގެ އެޑިޓަރު ރާއީ މުނައްވަރަށް ޖިންސީ ފުރައްސާރަ ކުރި ކަމުގެ ތުހުމަތު ކުރެވިފައިވާ ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް ސެކްރެޓަރީ، ހަސަން އިސްމާއިލްގެ މައްސަލަ ގާނޫނުގައިވާ ގޮތުގެ މަތީން 10 ދުވަހުގެ ތެރޭގައި ނިންމައި އެޅި ފިޔަވަޅުތައް އަންގައިދިނުމަށް އެދި ރާއީގެ ވަކީލުން އެދިވަޑައިގެންފިއެވެ.

ރާއީގެ ވަކީލުންގެ ޓީމުގެ ފަރާތުން މިކަމަށް އެދުނީ އެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހައްވާ ޝަފީއާ ރިޟާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު ފޮނުއްވި ސިޓީފުޅެއްގައެވެ.

އެ ސިިޓީގައި ވިދާޅުވީ މި މައްސަލަ ބަލައިދިނުމަށް އެދި މިއަހަރުގެ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު ރާއީ ފޮނުވި ސިޓީ އަށާއި މި މައްސަލަ ބެލުމުގައި އަމަލުކޮށްފައިވާ އިޖުރާއަތުތަކަކީ ކޮބައިކަމާއި މައްސަލަ ރައްދުވާ ހަސަން އިސްމާއިލްއާ މެދު އެޅުއްވި ގާނޫނީ ފިޔަވަޅުތަކަކީ ކޮބައިން ސާފުކުރުމަށް މިދިޔަ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހު ރާއީ ފޮނުވި ސިޓީއަށް ވެސް ރައީސް އޮފީހުން މިހާތަނަށް ޖަވާބެއް ދީފައިނުވާ ކަމަށެވެ.

މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ޖިންސީ ފުރައްސާރައިގެ އަމަލުތަކާ ގުޅިގެން ހުށަހެޅޭ މައްސަލަތައް، އެފަދަ މައްސަލައެއް ހުށަހެޅޭތާ ގިނަވެގެން 60 ދުވަހުގެ ތެރޭގައި ބަލައި ނިންމަންވާނެ ކަމަށް ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނު 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، މި މައްސަލަ ބަލައި ނިންމަންޖެހޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވާ ތާރީހު ފަހަނައަޅާ ގޮސްފައިވާ ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ.

އަދި މި މައްސަލައިގައި ގާނޫނު އަސާސީ އާއި ގާނޫނުގެ ދަށުން ވަކި މުއްދަތެއްގެ ތެރޭގައި އެކަށީގެންވާ އަވަސް މިނުގައި މައްސަލަ ބަލައި ނިންމުމަށް މަތިކޮށްފައިވާ ޒިންމާއާ ރައީސް އޮފީހުން ހިލާފުވެފައިވާކަން ވެސް އެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތުތަކެއްގެ މައްޗަށް އެކަނި ބިނާކޮށް ޓޫރިޒަމް މިނިސްޓަރުގެ މަގާމުން އަލީ ވަހީދު ވަކިކުރެއްވިއިރު، ހަސަން އިސްމާއިލްގެ މައްޗަށް ހަށިގަންނަން ރިޝްވަތު ހުށަހެޅި ކަމުގެ ޖިންސީ ފުރައްސާރައިގެ މައްސަލަ ރައީސް އޮފީހަށް ހުށަހަޅާފައިވާތާ ފަސްވީއިރު ވެސް އެ ފަރާތާއި މެދު ފިޔަވަޅެއް އަޅާފައިނުވާތީ، މިފަދަ މައްސަލަތަކުގައި ރައީސްގެ ފަރާތުން ތަފާތުކުރުން ގެންގުޅުއްވާކަމަށް ބެލެވޭ ކަމަށްވެސް ބުނެފައިވެއެވެ.

އަދި ހަސަން އިސްމާއިލް މިވަގުތު ހުރި މަގާމުގެ ހައިސިއްޔަތުން އޭނާ އަކީ ރާއީ ނިއުސް އެޑިޓަރެއްގެ ގޮތުގައި މިހާރުވެސް އަދާކުރަމުންދާ މަސައްކަތާއި އެ ނޫހާމެދު ތަފާތު ކުރުން ގެންގުޅެ ނުފޫޒު ފޯރުވޭފަދަ މަގާމެއްގައި ހުރި މީހަކަށްވާތީ މިކަމުގެ ސަބަބުން ރާއީ އަށް ވަޒީފާ އަދާކުރުމުގައި ހުރަސްތަކެއް ހުރިކަމަށްވެސް އެ ސިޓީގައި ބުނެފައިވެއެވެ.

އެހެންކަމުން މި މައްސަލައިގައި ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ގާނޫނުގައިވާ ގޮތުން ރައީސް އޮފީހުން މައްސަލަ ބަލައި ނިންމައި، މިކަމުގައި އެޅުއްވި ފިޔަވަޅުތަކަކީ ކޮބައިކަން އަންގައިދިނުމަށް ވަނީ އެދިފައެވެ.

އަދި އަންހެނުންނަށް ކުރާ ޖިންސީ އަނިޔާތަކާއި ފުރައްސާރައިގެ މައްސަލަތައް މުޖުތަމައުގެ ތެރޭގައި އިތުރުވެފައިވާ މިފަދަ ނާޒުކު ދުވަސްވަރެއްގައި ދައުލަތުގެ ނިޒާމުތަކުން ގާއިމުކުރާ އިންސާފާ މެދު ރައްޔިތުންގެ އިތުބާރު ނެގެހެއްޓޭނެ ފަދަ ގޮތަކަށް ރައީސް އޮފީހުން މިކަމުގައި އަމަލުކުރައްވާނެ ކަމަށް އުއްމީދުކުރާ ކަމަށްވެސް އެ ސިޓީގައި ބުނެފައިވެއެވެ.