Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

ފެތިފައިވާ ދޯންޏެއް އޮޔާދާތީ ސަމާލުވާން އަންގައިފި

ހުޅުމާލެއާއި ޕެރަޑައިޒް އައިލެންޓް ރިސޯޓާއި ދޭތެރޭ ކަނޑުއޮޅިން ފެތިފައިވާ ދޯންޏެއް އޮޔާދާތީ ދަތުރުކުރާ އުޅަނދުތަކުން ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދޯނި އޮޔާދަނީ ބޮޑުކަޅިން ނުކުމެގެން ބޭރަށް އިރުމައްޗަށްވާ ގޮތަށް ކަމަށެވެ.

މި ދޯނީގެ ގެގަނޑުން ބައެއް ފެންމަތިން ފެންނަން ހުރިއިރު، މި ދޯންޏަކީ 60 ފޫޓްގެ ދޯންޏެކެވެ.

އެހެންކަމުން މި ސަރަޙައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުވުމަށާއި އަދި ރޭގަނޑު ދަތުރުކުރައްވާ ފަރާތްތަކުން މި ސަރަޙައްދުން ދަތުރުކުރެއްވުމުގައި ޚާއްޞަ ސަމާލުކަމެއް ދިނުމަށްވެސް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.

މި ދޯނި އޮޔާދާކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައި ވަނީ މިއަދު މެންދުރު 12:17 ހާއިރުއެވެ.