Last Updated: April 25, 20:50
Thursday, April 25, 2024
ޚަބަރު

ޔާމީން މިނިވަންކޮށް ދައުވާތައް އަނބުރާ ގެންނަން ގޮވާލައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން މިނިވަންކޮށް، އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދައުވާތައް އަނބުރާ ގެންނަން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ގޮވާލައިފިއެވެ.

އިދިކޮޅުން މިހެން ބުނެފައިމިވަނީ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ ވެސް ކްރިމިނަލް ކޯޓުން ބޭރުކޮށްލުމުން އޭނާ މިނިވަންވެފައިވާ ދަނޑިވަޅެއްގައެވެ.

މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ކްރިމިނަލް ކޯޓުގައި މިއަދު ނިމިގެންދިޔަ މައްސަލައިން އެނގިގެން މިދިޔައީ ޔާމީން ޖަލުގައި ބަހައްޓަންޖެހޭ އެއްވެސް ސަބަބެއް ނެތްކަން ކަމަށާއި ޔާމީންގެ މައްޗަށް އުފުލައިގެން އުޅޭ ދައުވާއަކީ ސައްހަ ދައުވާއެއް ނޫންކަން ކޯޓެއްގެ ތެރެއިން މިއަދު ޔަގީން ވެގެން ގޮސްފައިވާ ކަމަށެވެ.

އެހެންކަމުން މިހާރުން މިހާރަށް ޔާމީން ދޫކޮށްލުމަށް ސަރުކާރަށާއި ކަމާބެހޭ ފަރާތްތަކަށް ގޮވާލާ ކަމަށާއި އަދި މިހާތަނަށް ޔާމީންއާ މެދު އުފުލާފައިވާ ދައުވާތައް އަނބުރާ ގެންނަން ޕްރިސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމަށް ވެސް އަދުރޭ ވަނީ ގޮވާލާފައެވެ.

"މިއަދު ނިމިގެންދިޔަ މައްސަލައިން ވަރަށް ގިނަ ކަންތައްތަކެއް ސާބިތުވެގެން ހިނގައްޖެ. ސާބިތުވި އެންމެ މުހިއްމު ކަމަކީ ޔާމީނަށް މި ސަރުކާރުން ފްރޭމްކޮށްގެން ވަރަށް ބޮޑެތި އަނިޔާތަކެއް ބޭއިންސާފުން ދެމުގެންދާކަން" އަދުރޭ ވިދާޅުވިއެވެ.

ޔާމީން ޖަލުގައި ބަހައްޓަންޖެހޭ އެއްވެސް ސަބަބެއް މިހާރު ނެތް ކަމަށާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އިސްވެ ތިއްބަވައިގެން ޔާމީން ސިޔާސީ މަސްރަހުން ގެއްލުވާލުމަށް އަނިޔާކުރަމުންދާ ކަމަށް ވިދާޅުވާ ވާހަކައަށް ޝަރުއީ ނިޒާމުގެ ތެރެއިން މިއަދު ޖަވާބު ލިބިގެން ގޮސްފައިވާ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް، ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް އެ ފައިސާ ލޯންޑާ ކުރި ކަމުގެ ދައުވާގެ ކުށް ސާބިތުވެ ޔާމީނަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ މިދިޔަ އަހަރުގެ ފަހުކޮޅުއެވެ.

އެ ހުކުމް ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވާއިރު، ދައުލަތުން ދާދިފަހުން ވަނީ ޔާމީންގެ މައްޗަށް އިތުރު ދެ ދައުވާއެއް އުފުލާފައެވެ. އެ ދެ ދައުވާއަކީ ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއެވެ.

ޕީޖީ އޮފީހުން ބުނީ ޔާމީންގެ މައްޗަށް އިތުރު ދެ ދައުވާއެއް އުފުލީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ.ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، އަހުމަދު ކްރިކް ރިޟާ ނަމަކަށް ކިޔާ މީހެއް މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން އެ ފައިސާ ލޯންޑަރ ކުރުމަށްޓަކައި ފަށަލަކޮށްފައިވާ މައްސަލައާ ގުޅިގެން ކަމަށެވެ.