Last Updated: April 20, 14:49
Saturday, April 20, 2024
ވިޔަފާރި

ބީއެމްއެލް އިން 40 ކޭޝް އޭޖަންޓުންނާއެކު ހިދުމަތް ފުޅާކޮށްފި

ބޭންކް އޮފް މޯލްޑިވްސް އިން 40 ކޭޝް އެޖެންޓުންނާއެކު އަތޮޅުތެރޭގައި ކޭޝް ޑިޕޮސިޓް އަދި ޕޭމަންޓް ސަރވިސްގެ ހިދުމަތް ފުޅާކޮށްފިއެވެ.

ބީއެމްއެލް އިން ބުނީ މި ހިދުމަތާއެކު، ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު 10،000 ރުފިޔާ އާ ހަމަޔަށް އެޖެންޓުން މެދުވެރިކޮށް ފައިސާ ޑިޕޮސިޓް ކުރުމުގެ އިތުރުން ލޯނު އަދި ކްރެޑިޓް ކާޑަށްވެސް ފައިސާ ދެއްކޭނެ ކަމަށެވެ.

މުޅިރާއްޖެއަށް ބޭންކިންގ ހިދުމަތް ފުޅާކުރުމަށްޓަކައި ބޭންކުން ކޭޝް އެޖެންޓުންގެ ހިދުމަތް ތައާރަފް ކޮށްފައިވަނީ 2014 ވަނަ އަހަރުއެވެ. މިގޮތުން މިއަދާ ހަމަޔަށް 200 އަށްވުރެ ގިނަ ކޭޝް އޭޖެންޓުން މެދުވެރިކޮށް އަތޮޅުތެރޭގައި ފައިސާ ނެގުމުގެ ހިދުމަތް ބީއެމްއެލް އިން ދަނީ ފޯރޮކޮށްދެމުންނެވެ.

އަދި މިއަދާ ހަމަޔަށް ގާއިމްކޮށްފައިވާ ޑިޕޮަސިޓް ހިދުމަތް ފޯރުކޮށްދޭ 40 ރީޓެއިލް ފިހާރަ މެދުވެރިކޮށް އެއްވެސް ފީއަކާ ނުލައި ފައިސާ ޖަމާކުރުމުގެ އިތުރުން ފައިސާ ދެއްކުމުގެ ހިދުމަތްވެސް ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް އެ ބޭންކުން ހާމަކުރެއެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލް ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ ބޭންކުގެ ޕީއޯއެސް ވިއުގަ މެދުވެރިކޮށް ދެވޭ ކޭޝް އެޖެންޓް ހިދުމަތަކީ މުޅިރާއްޖެއަށް ބޭންކިންގ ހިދުމަތް ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވާ ސްޓެރެޓެޖީގެ ދަށުން ކާމިޔާބުކަމާއެކު ހިދުމަތްދެވެމުންދާ މޮޑެލްއެއް ކަމަށެވެ.

އަދި އޭޓީއެމްއެކޭ އެއްފަދައިން ކަސްޓަަމަރުންނަށް ކޭޝް އޭޖެންޓް ހިދުމަތްވެސް ބޭނުންކުރެވޭނެ ކަމަށާއި މިގޮތުން ކަސްޓަމަރުގެ ޑެބިޓް ކާޑު ބޭނުންކޮށްގެން ޕީއޯއެސް ޓަރމިނަލް މެދުވެރިކޮށް ފައިސާ ނެގުމާއި، ޖަމާކުރުމާއި ފައިސާ ދެއްކުމުގެ ހިދުމަތްވެސް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ބޭންކިންގ ހިދުމަތް ހޯދުމަށް ބްރާންޗް ނުވަތަ އޭޓީއެމް ސެންޓަރއެއް ގާއިމްކޮށްފައިވާ ރަށަކަށް ދަތުރު ކުރުމުގެ ބަދަލުގައި އަމިއްލަ ރަށުގައި ތިބެގެން ކޭޝް އެޖެންޓުން މެދުވެރިކޮށް ފަސޭހަކަމާއެކު ބޭންކިންގ ހިދުމަތް ހޯދޭނެ." އޭނާ ވިދާޅުވިއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 58 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 121 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކުގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބީއެމްއެލް އިން ބުނެއެވެ.