Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ބޮޑަށް ބެލެވެނީ ފުލުހުންގެ ގަޔަށް ކުޅުޖެހީ މަތިން ކަމަށް: ޝިޔާމް

ރޭ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ފަރާތުން ކުރިއަށް ގެންދިޔަ މުޒާހަރާގެ ބައިވެރިޔަކު ދެ ފުލުހެއްގެ ގަޔަށް ކުޅުޖެހި ކަމަށް ބުނާ ވާހަކަތައް ދޮގުކޮށް އެކަމަކީ ވަރަށް ރޭވިގެން ހިންގާފައިވާ ކަމެއް ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ރޭ ވިދާޅުވީ ދެ ފުލުހަކު ޑިއުޓީ އަދާކުރަމުންދަނިކޮށް އެ މީހުންގެ ގަޔަށް މުޒަހާރާގައި ބައިވެރިވި މީހަކު ކުޅު ޖަހާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ބަލަމުންދާ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝިޔާމް ވިދާޅުވީ ދެ ފުލުހުންގެ ގަޔަށް ކުޅުޖެހި ފޮޓޯއާ ގުޅިގެން އެކި ގޮތްގޮތަށް ސޯޝަލް މީޑިއާގައި ވާހަކަދެކެވެމުންދާ ކަމަށާއި އެގޮތުން ފޮޓޯއިން ވެސް ފެންނަ ގޮތުން ކުޅު ޖަހާފައި ހުރީ އެއް ދިމާލަކުން ނޫން ކަމަށެވެ.

"މިސާލަކަށް އަޅުގަނޑުގެ ގަޔަށް މީހަކު ކުޅުޖަހާ ކަމަށްވާނަމަ ކޮންމެވެސް އެއް ދިމާލަކުން ދެއްތޯ ޖަހާނީ. އެހެން ނަމަވެސް ފުލުސް އޮފިސަރުންގެ ވަށައިގެން ހުރި. އަޅުގަނޑުމެންގެ އެނެލިސިސް އިން އެނގޭ އެއްޗަކީ ކުރިމަތިން ނޫނީ ވަކި ފަރާތަކުން ޖެހުމަށް ވުރެ މަތިން ކޮށްފައި ހުރި ކަމެއް ކަމަށް" ޝިޔާމް ވިދާޅުވިއެވެ.

މިކަން ކުރި ބަޔަކު ފުލުހުންނަށް އިނގޭނެ ކަމަށާއި މިކަމުގެ މައުލޫމާތު ވެސް ކުރީ ބައިގައި ފުލުހުންނަށް އޮތީ އެނގިފައި ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ. އަދި މި ހަޑިމުޑުދާރު އަމަލު ހިންގި މީހުން އިންސާފުގެ ކުރިމައްޗަށް ގެނެސް އަދަބު ދިނުމަށް ވެސް ޝިޔާމް ވަނީ ގޮވާލާފައެވެ.

މީގެއިތުރުން ސަރުކާރާއި ދެކޮޅަށް އިދިކޮޅުން ކުރިއަށްގެންދާ މުޒާހަރާތައް ކުރިއަށް އޮތް ތިން ދުވަހު ނޯންނާނެ ކަމަށްވެސް ޝިޔާމް ވަނީ ވިދާޅުވެފައެވެ.