Last Updated: April 25, 22:42
Thursday, April 25, 2024
ދުނިޔެ

ހައްޖުވެރިން އަރަފާތަށް ދަތުރު ފަށައިފި

މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވާ ހައްޖުވެރިން މިނާ އިން އަރަފާތު ބިމަށް ދިޔުމަށް ދަތުރު ފަށައިފިއެވެ.

ހައްޖުގެ އެންމެ މުހިންމު ފަރުޟަކީ އަރަފާތަށް ދިއުމެވެ. އަރަފާތު ބިމުގައި އަޅުކަމުގަ އާއި ގުރުއާން ކިޔެވުމާއި ދުއާ ކުރުމުގައި މުޅި ދުވަސް ހޭދަކުރެއެވެ. ޢަރަފާތުގެ ބިމުގައިވާ މަސްޖިދުއްނަމިރާގައި މިއަދު މެންދުރު ނަމާދަށް ފަހު ހައްޖު ހުތުބާ ދިނުން އޮންނާނެއެވެ.

އަދި މިއަދުގެ އިރު އޮއްސުމާ އެކު އަރަފާތު ބިމުން ހައްޖުވެރިން ފައިބާނެއިރު، ދެން ހައްޖުވެރިން ދާނީ މުޒްދަލިފާއަށެވެ. އަދި މާދަމާ ހެނދުނުން ފެށިގެން ޖަމްރާ އަށް ހިލަ އުކުން އޮންނާނެއެވެ.

އެހެން އަހަރުތަކާއި ހިލާފަށް ކޮވިޑް-19 ގެ ސަބަބުން މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވުމުގެ ފުރުސަތު ލިބިފައިވަނީ ގާތްގަނޑަކަށް 10،000 މީހުންނަށެވެ. ހައްޖުގެ އަޅުކަން މިއަހަރު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ސިއްހީ ރައްކާތެރިކަމަށް ވަރަށް ބޮޑަށް އިސްކަންދީގެންނެވެ.

އެގޮތުން އަރަފާތު ބިމުގައި ވެސް ހައްޖުވެރިންނަށްޓަކައި ހެލްތު ފެސިލިޓީތައް ގާއިމުކޮށްފައިވެއެވެ. މީގެއިތުރުން މޯބައިލް ހޮސްޕިޓަލްތަކާއި ކްލިނިކްތައް ވެސް އަރަފާތު ބިމުގައި ގާއިމުކޮށްފައިވާއިރު، ކޮވިޑަށް ޝައްކު ކުރެވޭ އަލާމަތްތައް ހުންނަ ހައްޖުވެރިން އައިސޮލޭޓް ކުރާނެ ކޭމްޕެއް ވެސް ވަނީ ގާއިމުކޮށްފައެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނީ ގާތްގަނޑަކަށް 10،000 މީހުންނަށް ކަމަށްވާއިރު އޭގެތެރެއިން 70 ޕަސެންޓް ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ ސައުދީގައި އުޅޭ އެހެން ގައުމުތަކުގެ ރައްޔިތުންނަށެވެ. އަނެއް 30 ޕަސެންޓު ހާއްސަކޮށްފައިވަނީ ސައުދީގެ ރައްޔިތުންނަށެވެ.

ހައްޖުގެ އަޅުކަމުގައި އުމުރުން 65 އަހަރުގެ މީހުންނަށާއި ބޮޑެތި ބަލިތަކަށް ބޭސްކުރަމުންދާ މީހުންނަށް ބައިވެރިވުމުގެ ފުރުސަތު ނުދިނުމަށް ނިންމާފައިވާއިރު، ހައްޖުގެ އަޅުކަން ފެށުމުގެ ކުރިން ކޮވިޑް-19 އަށް ހައްޖާޖީން ޓެސްޓުކޮށްފައިވެއެވެ. އެގޮތުން އެއްވެސް ހައްޖާޖީއަކު މި ބައްޔަށް ޕޮޒިޓިވް ވެފައި ނުވާ ކަމަށް ސައުދީގެ ހެލްތު މިނިސްޓްރީން ބުނެއެވެ.